

ގޯހެއް ހަދައިފިނަމަ އިންޑިއާ ސުންނާފަތިކޮށްލާނެ ކަމަށް ޕާކިސްތާނުން ބުނެފިއެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ އިންޑިއާގެ ލީޑަޝިޕްގެ "ޕްރޮވޮކޭޓިވް" ބަޔާންތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ނިއުކްލިއާ ވާދަވެރި ގައުމުތަކުގެ މެދުގައި ދެން ހިނގާ ކޯޅުންތަކުގެ ސަބަބުން "ބޮޑު ކާރިސާއެއް" ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ޕާކިސްތާނުން މިފަދައިން ބުނެފައިވަނީ އިންޑިއާ ސިފައިންގެ ވެރިޔާ ޖެނެރަލް އުޕެންދްރާ ދުވީދީ ޕާކިސްތާނަށް ވަރުގަދަ އިންޒާރެއް ދީފައިވަނިކޮށެވެ.
ދުވީދީ ބުނީ ޕާކިސްތާނުން އާ ޢަދާވާތްތެރިކަމެއް ފަށައިފިނަމަ ދުނިޔޭގެ މެޕްއިން ޕާކިސްތާން ފޮހެލެވޭ ވަރަށް އިންޑިއާ އޮތީ ވަރުގަދަ ރައްދު ދިނުމަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ
މިކަމާއި ގުޅިގެން ޕާކިސްތާނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިންޑިއާގެ ސަލާމަތީ މުއައްސަސާގެ އެންމެ މަތީ ފަންތީގެ މީހުންގެ ޑިލޫޝަނަލް، ޕްރޮވޮކޭޓިވް، ބަޔާންތައް ޕާކިސްތާނުން ވަރަށް ކަންބޮޑުވުމާއެކު ފާހަގަކޮށްފި ކަމަށެވެ. އަދި މި ބަޔާންތަކާ ކުރިމަތިލާއިރު، ކުރިއަށް އޮތްތަނުގައި ކުރިމަތިވެދާނެ ހަމަނުޖެހުންތަކުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ އިންޒާރު ދޭ ކަމަށެވެ.
ޢަދާވާތްތެރިކަމުގެ އާ ބުރެއް އުފެދިއްޖެ ހާލަތެއްގައި ޕާކިސްތާނުން ފަހަތަށް ނުޖެހޭނެ ކަމަށާއި އެއްވެސް ޝައްކެއް ނުވަތަ ހިފެހެއްޓުމެއް ނެތި ޕާކިސްތާމުގެ އަޒުމް ވަރުގަދަ ކަމަށާއި ޖަވާބުދާރީ ވުމަށް ފަހަތަށް ނުޖެހޭނެ ކަމަށް މި ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ދުޝްމަނުންގެ ސަރަހައްދުގެ ކޮންމެ ކޮޅަކަށް ވެސް ހަނގުރާމަ ގެންދިއުމުގެ ގާބިލްކަމާއި އަޒުމް ޕާކިސްތާނުގައި އެބައޮތް ކަމަށްވެސް ބުނެފައިވެއެވެ.