
އަނިޔާ ލިބެމުންދާ މީހާގެ ދުއާއަށް ބިރުވެތިވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒަށް، ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ގޮވާލައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ ޖަމީލު ވަނީ ސަރުކާރާ ރައީސް މުއިއްޒު ވެސް މާޒީ ހަނދާން ނެތިފައިވާތީ ބައެއް ކަންކަން ހަނދާން އައުކޮށްދެއްވާފައެވެ.
އެގޮތުން ޖައްބާރު ކަމާ ޖާހިލުކަމުގައި ވެރިކަން ކުރިން ވެސް ވެރިންތަކެއް ކުރެއްވި ކަމަށާ އަދި އެވެރިކަންތަކުގެ ނިމުން އައި ފަދައިން ރައީސް މުއިއްޒުގެ ވެރިކަމުގެ ވެސް ސިއްކަ ޖެހޭނެ ކަން ހަނދާން އައު ކޮށްދެއްވާ ޑރ. ޖަމީލު ވިދާޅުވެފައިވަނީ، އެއްވެސް ބާރެއް ރައީސް މުއިއްޒަށް މިލްކުވެގެން ނުވާ ކަމަށެވެ.
އެމަނިކުފާނުގެ ޕޯސްޓު ނިންމަވާ ލައްވާފައިވަނީ، އަނިޔާ ލިބޭ ފާރާތުގެ ދުޢާއަށް ބިރުވެތިވުމަށް ގޮވާލައްވަމުންނެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އިމެއް ނެތް މިންވަރަށް ދޭނެ ކަމަށް ވިދާޅުވެ ވަޑައިގެން ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަނީ އެއްވެ އުޅުމުގެ މިނިވަންކަން ހަނިވާ ފަދަ ކަންކަމަށް މަގު ފަހިކުރަމުންނެވެ. އަދި ސަރުކާރުގެ ވައްކަމާ ކޮރަޕްޝަންގެ ވާހަކަތައް ނޫސްވތަކުން ހާމަކޮށްދޭތީ މިނިވަން ނޫސްވެރިކަން މަރާލާ ކަފުންކޮށް ގާނޫނެއް ވެސް ވަނީ ތަސްދީގުކޮށްފައެވެ.










