
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިގްތިސޯދީ ވަޒީރު ބަލަނީ އެމަނިކުފާނުގެ ކިބައިގައި ނެތް ފެންވަރުގައިވެސް "ހުސް އަނގަ" ތަޅައިގެން ކަންކަން ހިފެހެއްޓޭތޯ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމުން ޑޮލަރުގެ އަގު ތިރިކުރާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު ސައީދު ދެއްވިތާ ދެ އަހަރު ފަހުން ވެސް، ޑޮލަރު އަގު އުފުލިފައި ހުރީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދެ ސަރުކާރުގެ ސަބަބުން ކަމަށް ދޭހަވާ މޭރުމަކުން މިނިސްޓަރު ވާހަކަދައްކަވާފައިވާ ވުމަށް ރައްދު ދެއްވާއެވެ.
ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ, ތިމާމެން އަތުގައި ޑޮލަރަށާއި އިގްތިސާދަށް ޙައްލު އޮތްކަމަށް ޕީއެންސީއިން ކުރިން ބުނީ އެމްޑީޕީ ސަރުކާރު ވުޖޫދުގައި އޮތްއިރު ކަމަށާ އޭގެ ފަހުން ރައްޔިތުންގެ މަޖްލިސް ހޯދަންވީމުމުން ވަޒީރު ސައީދުމެން ދެއްކީ ޑޮލަރު އަގު ތިރިކުރުމުގެ ހުވަފެން ކަމަށްވެސް ޑރ ޖަމީލު ވިދާޅުވިއެވެ.
އެހެންކަމުން ސިޔާސީވެރިންނަށް ވަޢުދު ނުފުއްދެވުމުން ‘ހުސް އަނގަ ތަޅައިގެން’ ދަލީލު ދެއްކިދާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ، ޙަގީގަތަކީ ރައީސް މުއިއްޒާއި އަދި ވަޒީރު ސައީދުވެސް މިއަދު ބޮޑުތަނުން ފެއިލްވެފައިވާކަން ކަމަށާ އެހެންކަމުން ޖުހާގެ ވައުދު ބުނުމެކޭ ވަޒީރު ސައީދުގެ ވާހަކައެކޭ ތަފާތެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ ޖަމީލުގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ، ސައީދު ބައްލަވަނީ ނެތް ގާބިލުކަމެއްގައި "ހުސް އަނގަ" ތަޅައިގެން ވާހަކައިން ރައްޔިތުން ހިފަހައްޓޭތޯ ކަމަށް ކަމަށެވެ.










