ރޯދަ މަހު އިންތިހާބުތައް ބާއްވާ ބިލު ފާސްކޮށްފައިވަނީ ގާނޫނު އަސާސީއާ އެއްގޮތަށްތޯ ސުވާލު އުފައްދައި ބަންޑާރަ ނައިބު ލަފާ ހޯއްދަވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް ގެނައި ބަދަލު ތަސްދީގުނުކުރައްވައި އަނބުރާ ފޮނުވައިލުމުން މަޖިލީހުން އިއްޔެ ނިންމާފައިވަނީ ބަދަލެއް ނުގެނެސް ދެވަނަ ފަހަރަށް ފާސްކުރުމަށެވެ. ދެވަނަ ފަހަރަށް ބިލެއް ފާސްކުރުމުން، އެ ބިލެއް ތަސްދީގުކޮށް ގެޒެޓުކުރަން ރައީސް ޖެހިވަޑައިގަންނަވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވެއެވެ.
އެކަމަކު، އިންތިޚާބު ފަސްކުރާ ގާނޫނު ތަސްދީގުނުކުރައްވަނީސް މިއަދު ސުޕްރީމް ކޯޓުން ވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 80 ކަމުގައި ނުބެލެވޭނެ ކަމަށް ހުކުމްކޮށްފައެވެ.
މި ނިންމުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނ. ކެނދިކުޅުދޫގައި ވިދާޅުވީ، މަޖިލީސް އިންތިހާބު ރޯދަ މަހު ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ޖުމްލަ މެމްބަރުންގެ އަދަދު ގުނައިގެން ނެގި ވޯޓަކުން ކަމަށެވެ.
އެހެންވީމަ ބަންޑާރަ ނައިބްގެ ގާނޫނީ ލަފަޔަށް އަޅުގަނޑު މިހާރު ވާނީ ދަންނަވާފަ. އެއީ މިކަހަލަ ނިންމުމެއް ނިންމީމަ ސުވާލު އެބަ އުފެދޭ 80 މެމްބަރުންނަށް ބަލައިގެން އިއްޔެގެ މައްސަލައާ އޭގެ ކުރީގެ އެތައް މައްސަލައެއް ނިންމާފަ ހުރިއްޔާ އެ ނިންމި މައްސަލަތަކުގެ ގާނޫނީ ހައިސިއްޔަތާމެދު އެހެންވީމަ އެބަ ސުވާލު އުފެދޭ
ރައީސް ވިދާޅުވީ އެ އިސްލާހު ފާސްކުރަން 47 މެމްބަރުން ވޯޓް ދިން ނަމަވެސް، ކޯރަމް ހަމަކުރަން ބެލީ 80 މެމްބަރުންގެ ގޮތުގައި ވާތީ، އެކަމުގައި ބަންޑާރަ ނައިބްގެ ލަފަޔެއް މުހިންމު ކަމަށެވެ.
އެ މައުޟޫގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ބޭނުންވީ މަޖިލީސް އިންތިހާބު ރޯދައިގެ ކުރިން ބާއްވަން ކަމަށެވެ. ނަމަވެސް އެކަމަށް ވެސް މަޖިލީހުން އެއްބަސް ނުވީ ކަމަށެވެ.
މި މައްސަލައިގައި ބަންޑާރަނައިބުގެ ލަފައެއް ލިބުނުހާ އަވަހަކަށް ގޮތް ނިންމަވާނެ ކަމަށާއި ތަސްދީގުކުރައްވަން ވިދާޅުވެއްޖެ ނަމަ ވަގުތުން ތަސްދީގުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.