March 20, 2026
Advertisement
,,
,, / ރައީސް އޮފިސް

މުއްދަތު ހަމަވިފަހުން ލާމަރުކަޒީ ގާނޫނުގައި ހަދަން ބުނި އުސޫލު އާންމުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Oct 8, 2025, 08:49 AM

ލޯކަލް ކައުންސިލުތަކުގެ ބާރު ކަނޑުވާލަން ސަރުކާރުން ލާމަރުކަޒީ ގާނޫނު ބަދަލުކުރިއިރު، އެ ގާނޫނުގައި ބުނާ ގޮތަށް އެކުލަވާލަން ޖެހޭ އުސޫލުތައް މުއްދަތު ހަމަވިފަހުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހޯމަ ދުވަހު ގެޒެޓުކޮށްފި އެވެ.

Advertisement

އެލްޖީއޭއިން ގެޒެޓުކުރީ ލޯކަލް ކައުންސިލްގެ އުމުރު ހަމަވުމުގެ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތުގައި، ކައުންސިލްތަކުން މުވައްޒަފުން ހޯދުމާއި، ކައުންސިލުގެ އިހްތިސާސުގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދު ކުއްޔަށް ދޫކުރުމާއި ދިނުމާއި، ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައެޅިފައިނުވާ މަޝްރޫއުތައް ހިންގުމުގައި ކައުންސިލްތަކުން އަމަލުކުރާނެ ގޮތުގެ އުސޫލެވެ.

އެގޮތުން ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޮގަސްޓް 6، ގަ އެވެ. އަދި އޮގަސްޓް 14، ގައި ރައީސް މުހައްމަދު މުއިއްޒު ވަނީ އެ ގާނޫނު ތަސްދީގުކުރައްވާފަ އެވެ.

އެ ގާނޫނުގައި އޮތް ގޮތުން ބަންދު ދުވަސްތައް ލައިގެން އިސްލާހުކުރަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް އަދި އަލަށް އެކުލަވާލަން ޖެހޭ އައު ގަވާއިދުތަކާއި އިސްލާހުތައް އެކުލަވާލުމުގެ މުއްދަތު ވަނީ ސެޕްޓެމްބަރު 13، ގައި ހަމަވެފަ އެވެ. ބަންދު ދުވަސްތައް ލައިގެން އެ މުއްދަތު އޮކްޓޯބަރު 1، ގައި ވަނީ ހަމަވެފަ އެވެ.

އެ އިސްލާހުގެ ދަށުން އެލްޖީއޭ އިން ހެދި މި އުސޫލުގައި ވަނީ އެ ހުއްދަތައް ހޯދަން ކައުންސިލްތަކުން އެ އޮތޯރިޓީ އާއި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ލިޔެކިޔުންތަކާއި ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތްތައް ތަފުސީލުކޮށް ބަޔާންކޮށްފަ އެވެ.

އެލްޖީއޭ އިން މި އުސޫލު އާންމުކުރީ އެ އުސޫލު ހަދަން ކަނޑައެޅި މުއްދަތު ފަހަނައަޅާ ދިޔައިރު ވެސް އުސޫލު އާންމުނުކުރާތީ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved