March 16, 2026
Advertisement
ދާހިލީ ވަޒީރު އަލީ އިހްސާން
ދާހިލީ ވަޒީރު އަލީ އިހްސާން / ސޯޝަލް މީޑިއާ

ޔުމްނު ވެއްޓުނު ހާދިސާ: ރިޕޯޓާގުޅިގެން ސުވާލުކުރިތާ 2 މަސްފަހުން އިހުސާންގެ ޖަވާބު އިއްވުން މިއަދު

Yana Shareef
ޔާނާ ޝަރީފް
Oct 8, 2025, 08:56 AM

މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ.ފެންޓޯނިއާގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ހާއްސަ ގަރާރަކުން އުފެއްދެވި ކޮމިޝަންގެ ރިޕޯޓާއި ގުޅިގެން ކުރި ސުވާލުތަކަށް ދެ މަސް ފަހުން ހޯމް މިނިސްޓަރ އަލީ އިހުސާންގެ ޖަވާބު އިއްވުން މިއަދު އޮންނާނެކަން ހާމަވެއްޖެއެވެ.

Advertisement

ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގަށް އުފެއްދެވި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ހުރި ފިޔަވަޅުތައް އަޅަމުންދޭތޯ ބެލުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ގެ ފަރާތުން ޖަވާބެއް ހޯދުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވިތާ 2 މަސް ފަހުން، މިނިސްޓަރު އިހުސާންގެ ޖަވާބު ބުދަ ދުވަހުގެ މަޖްލިސް ޖަލްސާގައި އިއްވަން ވަނީ އެޖެންޑާ ކުރެވިފައެވެ.

ކޮމިޝަނުން ނެރުނު ރިޕޯޓުގައި، ފުލުހުންގެ އިހުމާލުތަކެއް ހުރިކަމަށް ފާހަގަކޮށް އެކަންކަމަށް ފިޔަވަޅުއަޅަން ލަފާދީފައިވާއިރު އެކަމާ ގުޅިގެން ފުލުހުންގެ އެއްވެސް ފަރާތަކަށް ފިޔަވަޅު އަޅާފައިވޭތޯ މެމްބަރު މުހައްމަދު އިބްރާހިމް ސުވާލު ކުރައްވާފައިވެއެވެ.

މީގެ އިތުރުން ކޮމިޝަނުގެ ރިޕޯޓުގައި ޖިނާއީ ތަހުގީގު ހިންގަންޖެހޭކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ މައްޗަށް ފުލުހުން ތަހުގީގު ހިންގަމުންދޭތޯވެސް މެމްބަރު މުހައްމަދު އިބްރާހިމް ސުވާލު ކުރައްވާފައިވެއެވެ.

ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ފުލުހުންނާ ގުޅޭގޮތުން ފާހަގަކުރި ކަންކަން ދެވަނަ ފަހަރަށް ތަކުރާރު ވިޔަނުދިނުމަށް ރައީސް މުއިއްޒު ވަނީ ފުލުހުންގެ އެސްއޯޕީތައް ރިވައިސްކޮށް، މުވައްޒަފުން އަހުލުވެރިކޮށް، ތަމްރީނު ދިނުމަށާއި، ޔުމްނު ވެއްޓުނު ހާދިސާގައި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި، އެ މުވައްޒަފުންނާމެދުގައި އިސްލާހީ ފިޔަވަޅު އެޅުމަށް އަންގަވައިފައެވެ.

އަދި މައްސަލައިގައި ހިމެނޭ ރައުދު އަހުމަދު ޒިލާލްގެ ބޭބެ ދާއޫދު އަހުމަދު ފުލުހުންނަށް ދިން ބަޔާނާއި ރިޔާސީ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރި މައްސަލަ ވެސް ބެލުމަށްވެސް މުއިއްޒު އަންގަވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved