

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާތަކަކަށް ހިޔާނާތްތެރިވި މައްސަލާގައި ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އެގޮތުން ބައްސާމްގެ މައްޗަށް ދައުލަތުން ހިޔާނާތުގެ ދައުވާކުރީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި އޭނާ ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު (154،000ރ.) ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެ އެވެ. އެ ފައިސާ ޖަމާކުރީ ބޭންކް ޗާޖްތައް އުނިކުރުމަށްފަހު ކަމަށްވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ.
ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ އެ ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާވިކަން ލިޔުންތަކުންނާއި ބައްސާމްގެ އަމިއްލަ އިއުތިރާފުން އެނގޭ ކަމަށެވެ. އަދި އެއީ އެފްއޭއެމްގެ ރައީސްގެ ހައިސިއްޔަތުން ލިބެންޖެހޭ އެލަވަންސްގެ ފައިސާ ކަމަށް ބައްސާމްގެ ފަރާތުން ބުނި ނަމަވެސް، އެ ފައިސާ ޖަމާވުމުގެ ދުވަސްކޮޅެއް ކުރިން، ރައީސްގެ އެލަވަންސްގެ ފައިސާ އެފްއޭއެމްއިން ޖަމާކޮށްފައިވާތީ އެ 9،999 ޑޮލަރަކީ އެލަވަންސްގެ ގޮތުގައި ލިބުނު ފައިސާ ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ ޝަފީއު ވިދާޅުވީ ބައްސާމްއާ ހަވާލުކޮށްގެން ޑޮލަރު މާރު ކުރުމުގެ އެކި މުއާމަލާތްތައް އެފްއޭއެމްއިން ކުރިން ވެސް ހިންގާފައިވާއިރު، އަދި އެ މައްސަލާގައި ހުށަހެޅި ހެކިތަކުން ވެސް އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން އެނގޭއިރު، އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް އަނބުރާ ލިބިފައިނުވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި އެ ޑޮލަރުތައް ބައްސާމްގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާކަން ހެކިތަކުން އެނގޭތީ ބައްސާމްގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅުއްވީ ކަމަށް ގާޒީ ވިދާޅުވި އެވެ.
ކުށް ސާބިތުވާ ކަމަށް ނިންމުމަށްފަހު އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ދައުލަތުން ބުނީ އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހަށް ޖަލަށްލުން ކަމަށް ވިޔަސް، އަދަބުގެ ދަރަޖަ އެންމެ މަތިކޮށް، ހަތަރު އަހަރުގެ ޖަލު ހުކުމެއް ބައްސާމްގެ މައްޗަށް އިއްވުމަށް އެދޭ ކަމަށެވެ. އެއީ އޭނާ އެ އަމަލު ހިންގާފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެގެން ކަމަށްވާތީ ކަމަށް ދައުލަތުން ބުނެފައިވެއެވެ.