ކޮންމެ އިންތިހާބީ މަގާމެއްގެ ދައުރުގެ މެދުން ފެންނަ ނުފެންނަ ވޯޓަކަށް ދެވޭނެހެން ގާނޫނު އަސާސީ އިސްލާހު ކުރަން ފެންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި އާދިއްތަ ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިހާރު އޮތް ގާނޫނު އަސާސީގައި އިސްލާހުކުރަން ޖެހޭ މާއްދާތައް އެބަހުރި ކަމަށާ އެ ގާނޫނު އަސާސީ 2008 ވަނަ އަހަރުގެ ހާލަތަށް ބަލާ ތަސްދީގުކޮށްފައިވާ ގާނޫނު އަސާސީއެއް ކަމަށެވެ. ނަމަވެސް އެ ގާނޫނު އަސާސީގެ މާއްދާތަކަށް ފުރިހަމައަށް ޕީއެންއެފުން ބޯލަނބާނެ ކަމަށާ ނަމަވެސް ގާނޫނުގެ އަކުރާ ފިއްޔާ ދޭތެރެއިންވެސް މާނަ އޮޅުވާލާ ގާޒީންނާ އަދި ފަނޑިޔާރުންވެސް ތިބޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ގާނޫނުގައި ދީފައި އޮންނަ ބާރުގެ ނަހަމަ ބޭނުން ހިފާ މަންޒަރު ފެންނަމުންދާ ކަމަށާ އެގޮތުން އިބްރާޙިމު މުހައްމަދު ސޯލިހު އަދީބުއަށް މައާފުދިން ދިނުންވެސް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ސޯލިހު ވަނީ 5 އަހަރަކީ ވެރިކަން ކުރަން ދިގު މުއްދަތައް ކަމަށްވެސް ވިދާޅުވެފައި ކަމަށެވެ.
ގާނޫނުތައް ތަންފީޒުކުރުމުގައާ އަދި ވެރިކަން ކުރައްވާ ބޭފުޅުން ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ރައްޔިތުންނަށް އޭގެ ތަކުލީފު ޖެހޭ ނަމަ ދައުރުގެ މެދު ތެރެއިން ރިކޯލު ވޯޓެއް ނަގާ ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަކީ ކުރަން ފެންނަ ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ގާނޫނު އަސާސީއަށް ބަދަލު ގެންނަން ފެންނަ ނަމަވެސް ގައުމީ ބޮޑެތި ބަހާތަކާ އިސްލާމުދީނުގެ އަސާސުތަކާ ގުޅިގެން ހުރި އެއްވެސް ކަމަކަށް ބަދަލުގެނައުމަށް ޕީއެންއެފުން ތާއީދު ނުކުރާނެ ކަމަށެވެ.