
ގާނޫނުއަސާސީއަށް ސަރުކާރުން ގެންނަ ބަދަލުތަކަކީ ވަކި ބޭފުޅަކަށް ފައިދާ ހޯދައިދިނުމަށް ކުރާ "މުޑުދާރު" ކަންކަމުގެ ގޮތުގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ސިފަކުރައްވައިފިއެވެ.
އައްބާސް މިފަދައިން ސިފަކުރައްވާފައިވަނި، އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އދ. މަންދޫ ކައުންސިލް ގޮނޑި ކާމިޔާބު ކުރެއްވި ޝަހީމާ ޝިހާބު، ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރި ކުރުމަށް އިޝާރާތްކުރައްވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އައްބާސް ވިދާޅުވީ ވަކި ގޮތަކަށް އަމަލުކުރުމަށް ވަކާލާތުކޮށް ގާނޫނުތައް ހަދަމުންދާއިރު، އެއާ ދިމާ އިދިކޮޅަށް އަމަލުކުރުމަކީ ޕީއެންސީގެ އާދައަކަށް ވެފައިވާ ކަމަށާއި، މިއީ ހުތުރުކަން ބޮޑު ލަދުވެތި އަމަލެއް ކަމަށެވެ.
ގާނޫނުއަސާސީއާ ގާނޫނުތަކަށް މިފަހަކަށް އައިސް ގެންނަ ބަދަލުތަކަކީ ތަހުޒީބީ ގައުމުތަކުގެ މިންގަނޑުތަކާ ހިލާފަށް، ދުރު މުސްތަގުބަލަށް ވިސްނުމެއް ނެތި ގެންނަ ބަދަލުތަކެއްގެ ގޮތުގައި ސިފަކުރައްވާ އައްބާސް ވަނީ މި ބަދަލުތަކަކީ ރައްޔިތުންނަށް މަންފާއެއް ހާސިލުވާނެ ކަންކަން ނޫން ކަމަށާއި، މިއީ ހަމައެކަނި ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި ބޭފުޅަކަށް ފައިދާ ހޯދައިދިނުމަށް ކުރާ "މުޑުދާރު" ކަންކަން ކަމަށް ވިދާޅުވެފައެވެ.
އައްބާސް އިތުރަށް ވިދާޅުވީ، ސަރުކާރު ހިންގާ ޕީއެންސީން މިފަދަ ގޮތަކަށް އަމަލުކުރަމުންދާއިރު، އެކަންކަން ދިވެހި ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ވެސް ވަރަށް ސާފުކޮށް ހާމަވަމުންދާ ކަމަށެވެ. އަދި ގާނޫނުތަކަށް ބަދަލު ގެނައުމުގައި ގައުމުގެ މުސްތަގުބަލަށްވުރެ ބޮޑަށް ސިޔާސީ މަންފާއަށް އިސްކަންދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.










