

ނިއުކްލިއަރ ގޮތުން ވާދަވެރި އަދުގެ ދުނިޔޭގައި ޕާކިސްތާނަކީ ނިއުކްލިއާ ބާރުތަކުގެ ތެރެއިން އެއް ބާރެވެ. އެތަކެއް އަހަރުތަކެއްގެ ތަކުލީފުތަކާއި، އެހެން ގައުމުތަކުގެ ޕްރެޝަރާއި ހުރެ އަމިއްލަ ރައްކާތެރިކަމަށް ޕާކިސްތާނުގެ ސަރުކާރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ މިއަދު ފެނިގެންދެއެވެ.
1971 ވަނަ އަހަރު އެ ގައުމުގައި އުފެދުނު ހަނގުރާމައަށްފަހު ގައުމު ބައިބައިވެ ބަންގްލަދޭޝް ވަކި ގައުމެއްގައި އުފެދިގެން ދިޔުމުގެ ނަތީޖާއަކީ ނިއުކްލިއާ ގޮތުން ވަރުގަދަ އިންޑިއާގެ ސަބަބުން ޕާކިސްތާނަށް ރައްކާތެރިކަމެއް ނެތް ކަން އިހުސާސްކުރެވި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މަސައްކަތްތައް ފެށިގެން ދިޔުމެވެ.
މިގޮތުން، 1972 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު ޒުލްފިގާރު އަލީ ބުއްޓޯ ވަނީ ޕާކިސްތާނުން އަމިއްލައަށް "އެޓޮމިކް ބޮން" ހަދާނެކަން އިއުލާން ކުރައްވާފައެވެ. ބުއްޓޯ ވިދާޅުވީ “ޕާކިސްތާން ރައްޔިތުން ވިނަ ކާން ޖެހުނަސް ނިއުކްލިއަރ ހަތިޔާރު ހަދާނެ” ކަމަށެވެ.
ބުއްޓޯ މިިހެން ވިދާޅުވިތާ މާގިނަ ދުވަހެއް ނުވެ ޕާކިސްތާނުގެ ސައިންސްވެރިން ވަނީ ނިއުކްލިއާ ފިއުލް އާއި ހަތިޔާރު އުފެއްދުމުގެ ސިއްރު ދިރާސާތައް ކުރަން ފަށާފައެވެ. ޕާކިސްތާނުގެ މަޝްހޫރު އަދި މުހިއްމު ސައިންސްވެރިއެއް ކަމަށްވާ ޑރ.ޢަބްދުލްޤާދީރު ޚާންގެ ދައުރު މިކަމުގައި ވަރަށް ބޮޑެވެ. އޭނާ ވަނީ ޔޫރޭނިއަމް ޕްލާންޓްތައް ގާއިމްކޮށް ޕާކިސްތާނުގެ ފުރަތަމަ އެޓޮމިކް ޑިވައިސްތައް ޑިޒައިން ކުރުމަށް އެހީތެރިވެދީފަ އެވެ. އިންޑިއާ އަދި ސަހްޔޫނީންގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ބައިނަލްއަގްވާމީ ޕްރެޝަރުތަކާ އެކު ވެސް ޕާކިސްތާނުން ކާމިޔާބީއާއި ހަމައަށް ވާސިލުވުމަށް އަހަރުތަކެއް ވަންދެން މަޑުމަޑުން މަސައްކަތް ކުރިއަށް ގެންދިޔަ އެވެ.
ޕާކިސްތާނުގެ މި އިއްރު މަސައްކަތް އިންޑިއާ ސަރުކާރުގެ ކަންފަތަށް ފޯރާ މި މަސައްކަތް ހުއްޓުވުމަށް އިންޑިއާއިން ވަނީ ޖާސޫސީ އެތަކެއް މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން 1998 ވަނަ އަހަރުގެ މެއި މަހު އިންޑިއާ އިން އަމިއްލައަށް ނިއުކްލިއާ ބޮމެއް ޓެސްޓް ކޮށްފައިވާއިރު ޕާކިސްތާނުން ވަނީ ބަލޫޗިސްތާނުގެ ޗަގައިގައި ފަސް ނިއުކްލިއާ ޓެސްޓެއް ހަދާފަ އެވެ. އެ ޓެސްޓްތަކުން ޕާކިސްތާނުގެ ނިއުކްލިއާ ގާބިލްކަން ދުނިޔެއަށް ސާބިތުވެގެން ދިޔައެވެ. މިކަން ވެގެން ދިޔައީ ޕާކިސްތާނުގެ ރައްޔިތުންނަށް ފަޚުރުވެރި އުއްމީދީ ދުވަހަކަށެވެ. ޕާކިސްތާނަށް އަމާޒުވާ ކޮންމެ ހަމަލާއަކުން ދިފާޢުވެވޭނެ ކަމުގެ ނިޝާނެއްގެ ގޮތުގައެވެ.
ނަމަވެސް، ނިއުކްލިއަރ ގޮތުން ޕާކިސްތާން ކުރި ދަތުރަކީ ފަސޭހަ އަމާން ދަތުރެއް ނޫނެވެ. އިންޑިއާ، އެމެރިކާ އަދި ސަހްޔޫނީނުން އިސްވެތިބެ ޕާކިސްތާނުގެ ޕްރޮގްރާމް ހުއްޓުވުމަށް ގިނަ މަސައްކަތްތައް ކުރަމުން ދިޔައެވެ. އެމެރިކާއިން ޕާކިސްތާނުގެ ނިއުކްލިއާ މަޝްރޫއު ހުއްޓާލުމަށް އިންޒާރު ދިނުމަށްފަހު ފަހުން ދަތިކުރުމުގެ ފިޔަވަޅުތައްވެސް އެޅިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ސަހްޔޫނީން 1980 ގެ އަހަރުތަކުގައި ޕާކިސްތާނުގެ ނިއުކްލިއާ ސައިޓްތަކަށް ހަމަލާދޭން ރާވާފައިވީ ނަމަވެސް ޕާކިސްތާނުން ވަރުގަދަ އިންޒާރުތަކެއް ދިނުމުން ފަހަތަށް ޖެހުނު ކަމަށްވެއެވެ. އިންޑިއާއިން ވެސް ނިއުކްލިއަރ ހަތިޔާރުގެ ޕްރޮގްރާމް ހަރުދަނާކޮށް، އެ ސަރަހައްދުގައި ފިތުނަ އިތުރުކުރުވަމުން ދިޔަ އެވެ.
ނަމަވެސް 1979 ވަނަ އަހަރު ސޯވިއެޓް ޔޫނިއަނުން އަފްޣާނިސްތާނަށް އަރައިގަތުމުން ހާލަތު ބަދަލުވެ، ސޯވިއެޓުންނާ ހަނގުރާމަ ކުރުމަށް އެމެރިކާއަށް ކުއްލިއަކަށް ޕާކިސްތާނުގެ އެހީތެރިކަން ބޭނުންވިއެވެ. މި ދުވަސްވަރު ވޮޝިންޓަނުން ވަނީ ޕާކިސްތާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ ސްޓޭންޑް ލުއިކޮށް، އޭގެ ބަދަލުގައި މާލީ އަދި އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަފްޣާނިސްތާނުގެ ހަނގުރާމައިގައި އެމެރިކާގެ މުހިންމު އެކުވެރިއަކަށް ޕާކިސްތާނު ވެގެން ދިޔައިރު، ތަދައްޚުލުވުމެއް ނެތި އެގައުމުގެ ނިއުކްލިއާ މަސައްކަތްތައް ކުރިއަށް ދިޔައެވެ. ސަހްޔޫނީނުން އަދި އިންޑިއާއިން 1980 ގެ އަހަރުތަކުގައި ޕާކިސްތާނުގެ ނިއުކްލިއާ ސައިޓްތަކަށް ހަމަލާދޭން ރާވާފައިވާ ކަމަށް ވެސް ތުހުމަތު ކުރެވުނު ނަމަވެސް ސަހްޔޫނީން ވަނީ އެކަމުގައި ނާކާމިޔާބުވެފައެވެ.
މިއަދު ޕާކިސްތާނަކީ ގާތްގަނޑަކަށް 150-170 ނިއުކްލިއާ ހަތިޔާރު ހުރި ޒިންމާދާރު ނިއުކްލިއާ ބާރެއްގެ ގޮތުގައި ބަލައިގަނެވިފައިވާ ގައުމެކެވެ. ޕާކިސްތާނުން ބުނާ ގޮތުގައި މި ހަތިޔާރުތަކަކީ ހަމައެކަނި ދިފާޢީ ހަތިޔާރުތަކެއް ކަމަށެވެ. ޕާކިސްތާނުން ބޭނުންވަނީ ސުލްހަ ގާއިމުކުރުމަށް ކަމަށާއި މި ހަތިޔާރުތައް ބޭނުންކޮށްގެން ހަނގުރާމައެއް ފެށުމަކީ ޕާކިސްތާނުން ކުރާނެ ކަމެއް ނޫން ކަމަށް އެގައުމުން ބުނެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޕާކިސްތާނުގެ ނިއުކްލިއާ ގާބިލްކަމުން ދެކުނު އޭޝިއާގައި އެތަކެއް އަހަރަށް ވުރެ ގިނަ ދުވަހު ސުލްހަ ދެމެހެއްޓިފައިވެ އެވެ.