

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަކީ ސިޔާސީ މައިދާނުގައި އެއްވެސް ބުރަދަނެއް ހުރި ބޭފުޅެއް ނޫންކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، ގާސިމް ހިތްހަމަ ނުޖެހުނު ނަމަވެސް އެމަނިކުފާނު ވާހަކަފުޅު ދައްކަވާނީ ހަގީގަތަކަށް ކަން އޮތް ގޮތަށް ކަމަށާ ރައީސް މުހައްމަދު މުއިއްޒު އިންތިހާބުވުމާ ހަމައަށް ގާސިމް ހުންނެވި ރައީސް އިބްރާހިމު މުހައްމަދު ސޯލިހުއާ އެކު ކަމަށާ އޭރު އަދި އިންތިހާބުގެ ތެރޭގައި މުއިއްޒަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ވެސް ގާސިމްކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ގާސިމް މީހުންނަށް ފާޑުކިޔަމުންދާއިރު، ކޮންމެ ސަރުކާރެއްގައި ވެސް ގާސިމްއަކީ އަމިއްލަ ފައިދާއަށް އުޅުއްވާ ބޭފުޅެއް ކަމަށާ އެގޮތުން ރައީސް ސޯލިހުގެ ވެރިކަމުގައިވެސް ކާޑެއްދޫ އެއާޕޯޓާ ގުޅުވާ ފައިދާތަކެއް ނެގި ކަމަށާ އަދި މިއަދުގެ ސަރުކާރުގައިވެސް ހަމަ އެ އެއާޕޯޓާ ގުޅުވާ 18 މިލިއަން ޑޮލަރު ނަގާފައިވާ ކަންވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ގާސިމްއަކީ ސިޔާސީ މައިދާނުގައި ބުރަދަނެއް ހުރި ބޭފުޅެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށާ އެމަނިކުފާނު ވަޒަން ކުރައްވާ ގޮތުގައި ގާސިމްގެ ބުރަދަނަކީ ބަރުދަނެއް ނެތް ލުއި، ބޮނބި ނަރެއްގެ ބުރަދަން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ ދޮގު ހަދާ މީހުންނާ ދުލި ބަދަލުކުރާ މީހުން ސިޔާސީ ލީޑަރުންގެ ތެރެއިން ތިބުމުން އެކަން ހުއްޓުވަން ބޭހެއް ބޭނުންވާ ކަމަށެވެ.