

ރާއްޖޭގެ ބޭސްފިހާރަތަކުން ބޭސް ނުލިބޭ ޝަކުވާ އަކީ ދިވެހި ރައްޔިތުން ހުއްޓާނުލާ މިހާރު ކުރަމުން އަންނަ އެންމެ ބޮޑު އެއް ޝަކުވާއެވެ.
އެންމެ އާދައިގެ ބަލިތަކަށް ބޭނުންވާ ބޭހުން ފެށިގެން ޚާއްސަ ހާލަތްތަކަށް ބޭނުންވާ ބޭސް ނުލިބޭ މައްސަލަ ބޮޑުވެފައިވާއިރު، އެ މައްސަލަތައް ހައްލުކުރަން ސަރުކާރުން މަސައްކަތް ނުކޮށް އަދިވެސް އުޅުއްވަނީ ހޮސްޕިޓަލްތައް ނޭޅިގެން ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ޕީއެންއެފްއިން ރޭ ބޭއްވި އެ ޕާޓީގެ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ބަލި މީހުންނަށް ބޭނުންވާ ބޭސްތައް ނުލިބިގެން އުޅޭއިރު މި ސަރުކާރުން އަވަދިނެތި އުޅެނީ ހޮސްޕިޓަލްތަކުގެ ބިންގާ އެޅުމުގައި ކަމަށެވެ.
މިހާރު ވެސް މި ސަރުކާރުން މި އުޅެނީ ބޭސްގުޅަ ނުގެނެވިގެން. އާސަންދަ އެންހޭންސް ކޮށްލަން މަހެއްގެ މައްޗަށް 30 މިލިއަން ރުފިޔާ އާސަންދައަށް ނުދެވިގެން މި އުޅެނީ. އެވަރު ނުކުރެވިގެން އުޅޭއިރު އިހަވަންދޫއަށް ދިޔަޔަސް ހޮސްޕިޓަލެއްގެ ބިންގާ އަޅަނީ. އެހެން ތަނަކަށް ދިޔަޔަސް ހޮސްޕިޓަލެއްގެ ބިންގާ އަޅަނީ. މިއުޅެނީ މި ތަންތަނުގެ ބިންގާ ނޭޅިގެނެއް ނޫން. މި އުޅެނީ މީހުންނަށް ފަރުވާ ދެވޭއިރު ޑޮކްޓަރު ލިޔާ ބޭސްގުޅަ ގަންނަން ނުލިބިގެން
މިއާއިއެކު ސަރުކާރަށް ރާއްޖެއިން ބޭސް ހުސްވެ ބޭސް ގަންނަން ނުލިބޭ ތަން ނުފެންނައިރު ބޮޑެތި ޚަރަދުތައްކޮށްގެން އައިނު ފިހާރަ ފަދަފަދަ ތަން ހަދާ ހިލޭ އައިނު ހައްދައިދެނީ ކާކު އަޅަން ކަމާ މެދު ރައީސް ޔާމީން ވަނީ ސުވާލުއުފައްދަވާފައެވެ.
މީގެ އިތުރުން އައިނު ފިހާރައިން އައިނު ހައްދަން އެންމެ އައުލާކަން ބޮޑީ ސަރުކާރުގެ ބޭފުޅުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ ފަހަރަކު ސިލޯނަށް ނުވަތަ އިންޑިއާއަށް ބަލިމީހުން ފޮނުވައިގެން ރާއްޖެ ކުރި ނާރާނެ ކަމަށާއި ބަލިމީހުންނަށް ބޭނުންވާ ފަރުވާއާއި ބޭސްތައް ފުރިހަމައަށް ލިބޭނެ ގޮތް ހެއްދެވުމަށް ރައީސް ޔާމީން ގޮވާލެއްވިއެވެ. އަދި ސަރުކާރަށް ގޮވާލެއްވީ 'ބޭސިކްސް' އަށް ދިއުމަށެވެ.