March 17, 2026
Advertisement
,,
,, / ސޯޝަލް މީޑިއާ

މެންބަރުން ޓައީ އެޅުން މަޖުބޫރުކޮށް، ގަވައިދު އިސްލާހުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Oct 10, 2025, 05:36 PM

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ތިއްބަވާއިރު ޓައީ އަޅައިގެން ތިބުން ހިމެނޭ ގޮތަށް، ހެދުން އެޅުމުގެ އުސޫލެއް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

Advertisement

ވެރިކަން ކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ އާންމު ކޮމިޓީން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ސުލޫކީ ހަމަތައް ބަޔާންކުރާ މާއްދާގެ އެންމެ ތިރިއަށް، ހެދުން އެޅުމުގެ އުސޫލާ އެއްގޮތަށް މެންބަރުން ހެދުން އަޅަން ލާޒިމުކުރާ އަކުރެއް އިތުރުކުރުމުގެ އިތުރުން މަޖިލީހުގެ ގަވައިދުގެ އެންމެ ތިރިއަށް މެންބަރުން ޖަލްސާތަކުގައި ހެދުން އެޅުމާ ގުޅޭ އުސޫލު އިތުރުކުރުމަށެވެ.

ކޮމިޓީން އިތުރުކުރަން ނިންމި އުސޫލުގައިވާ ގޮތުން، ޖަލްސާތަކުގައި ތިއްބަވާއިރު މެންބަރުންގެ ރަސްމީ ހެދުން ހަތަރު ގޮތަކަށް ތުރުކުރެއްވިދާނެއެވެ. އެއީ:

- ކޯޓު ފަޓުލޫނު

- ގަމީހާއި ޓައީއާއި ފަޓުލޫނުގައުމީ ހެދުން

- ދިވެހި ސަގާފީ ހެދުން

- ރާއްޖޭގައި ހެދުން އެޅުމުގެ އާންމު އަދަބާ ޚިލާފުނުވާ ގޮތަށް ހުންނަ ރަސްމީ ހެދުން

މި އުސޫލުގައިވާ ގޮތުން، ހަންގަނޑު ފެންނަފަދަ ތުނި ހެދުމާއި ވަކި ޖަމާއަތަކަށް ނިސްބަތްވާ ބެޖެއް ނުވަތަ ނިޝާނެއް ޖަހާފައި ހުންނަ ހެދުމާއި އަޚްލާގީ ގޮތުން އެކަށީގެންނުވާ އިބާރާތްތައް ހުންނަ ހެދުމާއި ޖީންސާއި ފެންފައިވާނަށް އެރުން މަނާވާނެއެވެ.

މަޖިލީހުގެ މެންބަރަކު މި އުސޫލާ ޚިލާފުވެއްޖެ ނަމަ ވަކި އަދަދަކަށް ޖަލްސާތަކުގައި މެންބަރުންނަށް ބައިވެރިނުވެވޭގޮތް ހެދުމާއި، މެންބަރު އެ ކުރީ އުސޫލާ ޚިލާފު ކަމެއް ކަމަށް ތަޅުމުގައި އެކަން އިއުލާނުކޮށް މެންބަރަށް ނަސޭހަތްތެރިވުން ފަދަ ސުލޫކީ ފިޔަވަޅުތައް އެ މެންބަރަކާ ދެކޮޅަށް އެޅޭނެއެވެ.

ކޮމިޓީން މަޖިލީހުގެ ގަވައިދު އިސްލާހުކޮށް، ކޮމިޓީ ރިޕޯޓު ފާސްކުރުމަށް، ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ތަޅުމަށް ވަނީ ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހެދުން އެޅުމުގެ އުސޫލެއް އެކުލަވާލަން ނިންމީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލިސް ހިންގަމުން އަންނަނީ އުސޫލުން ބޭރުން ކަމަށް ވިދާޅުވެ, އެކަމާ ދެކޮޅަށް އިހުތިޖާޖެއް ކުރެއްވުމުގެ ގޮތުން އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ޓައީ ނާޅައި ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދެވުމާ ގުޅިގެންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved