6 ފެބްރުއަރީ 2023 ވަނަ ދުވަސް ހަނދާން މިއަދު ނެތުނީ ކަންނޭނގެއެވެ. އާދެ އަދުގެ ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި ބައެއް މިނިސްޓަރުންނަކީ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ. އެވެސް އިދިކޮޅު މެމްބަރުންނެވެ.
ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޭރު ޕީޕީއެމް/ޕީއެންސީ މެމްބަރުންގެ ގޮތުގައި ތިއްބެވި އަދުގެ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމްއާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކުރި ދުވަހު ކުޅުއްވި ޑްރާމާ އަދި ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ.
ރޯޝަނީ މަގުގައި އިދިކޮޅުން މުޒާހަރާ ކުރި އިރު މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އެޅުމުގައި އަރާ ހުންނެވީ ޝިޔާމެވެ. ސޯސަންމަގުގައި ކުރި މުޒާހަރާތަކުގައި އެންމެ ކުރީގައި އެދުވަހު ހުންނެވީ އަދުގެ ނައިބު ރައީސް، އޭރުގެ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ. ގަމީސް އިރާލައިގެން އަރިމަތީގައި ހުންނެވީ އަދުގެ އިިގްތިސޯދީ ވަޒީރު އޭރުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ.
ދިވެހި ސިޔާސީ މައިދާނުގައި "އުސޫލުތަކަކީ" ހަމައެކަނި ތިމާ ހުންނަ މަގާމުގެ ގޮތުން ބަދަލުވާ އެއްޗެއް ކަމަށް ދެކުމަކީ ސިޔާސީ މީހުން އަޅާ އެންމެ ޅައެއްޗެވެ. 06 ފެބްރުއަރީ 2023 ގައި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވެވިއިރު، މިއަދުގެ ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ތިއްބެވީ މަޖިލީހުގެ މެމްބަރުންގެ ގޮތުގައެވެ. އެދުވަހު އެ ބޭފުޅުން ގަބޫލުކުރެއްވި ގޮތުގައި، ރިޔާސީ ބަޔާނަށް ހުރަސްއެޅުމާއި، މަޖިލީހުގެ ތަޅުމުގައި ބެނާތައް ހިފައިގެން އިހުތިޖާޖު ކުރުމަކީ ޑިމޮކްރެޓިކް ހައްގެކެވެ. އަދި ނިޒާމު ގެއްލިގެން މެމްބަރުންގެ ނަން އިއްވައި ތަޅުމުން ބޭރުކުރުމަކީ ހުދުމުހުތާރު އަމަލެއްގެ ގޮތުގައި އެބޭފުޅުން ސިފަކުރެއްވިއެވެ.
ނަމަވެސް، މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަން ވަޑައިގެންނެވިއިރު، ކުރިން އިދިކޮޅުގައި ތިބެގެން އަޑުގަދަކުރި މެމްބަރުން ތިއްބެވީ ވަޒީރުންގެ "ޝަރަފުވެރި" ގޮނޑިތަކުގައެވެ. މިއަދު އެ ބޭފުޅުންގެ ފަރާތުން ފެނުނީ މުޅިން ތަފާތު ރޫހެކެވެ. ރައީސަށް ސަނާކިޔުމާއި، ދެއަތް ނަގައި އަތްޖެހުމުގައި ތިއްބެވިއިރު، އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރަން ފެށުމުން އެކަންވީ އެބޭފުޅުންނަށް "މަޖާ" ކަމަކަށެވެ. މެމްބަރުންގެ ނަން އިއްވައި ތަޅުމުން ބޭރުކުރަމުން ދިޔައިރު، ކުރިން އެކަން ކުށްވެރިކުރި ކުރީގެ މެމްބަރުން، އަދުގެ ވަޒީރުން ތިއްބެވީ ހިނިތުންވުމާއެކު އެ މަންޒަރު ބަލާށެވެ.
ސަރުކާރަށް ތާއީދުކުރާ އެކި މީހުންވެސް ރިޔާސީ ބަޔާނަށް ހުރަސް އަޅާ އެމްޑީޕީ މެމްބަރުން ތަޅުމުގައި ދެއްކީ ހުތުރު މިސާލު ކަމަށް ބުނެ ކައުންސިލް އިންތިހާބުގައި އެވަރު ބަޔަކަށް ވޯޓުދީގެން ނުވާނެ ކަމަށް ބުނަމުން އަންނައިރު، އެދުވަހު ތިމާމެން އުޅުނު ގޮތް ހަނދާން ނެތުނީއެވެ. ތިންގަނޑެތި ލިބުނީމާ ކަނޑިކި ބުރި ހަނދާން ނެތުނީއެވެ.
މި ބަދަލުން ސާފުވަނީ، ސިޔާސީ ލީޑަރުންނަށް "ހަނދާނަކީ" ވަގުތީ އެއްޗެއް ކަމެވެ. އިދިކޮޅުގައި ތިބޭއިރު "ހުދުމުހުތާރު" ކަމަށް ބުނާ ކަންކަން، ސަރުކާރުގެ ބާރު ލިބުމުން "ގަވާއިދަށް ތަބާވުން" ނުވަތަ "މަޖާ" ކަމަކަށް ބަދަލުވެއެވެ. މިއަދުގެ ވަޒީރުންނަށް މީގެ ތިން އަހަރު ކުރިން އެ ބޭފުޅުން އަމިއްލައަށް ކުރެއްވި އިހުތިޖާޖުތަކާއި، އޭރު ދެއްކެވި ވާހަކަތައް ހަނދާން ނެތް ފަދައެވެ.