April 4, 2026
Advertisement
.
. / ފިނޭންސް މިނިސްޓްރީ

ބަޖެޓާ ހިލާފަށް ހަރަދުކުރާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

Yana Shareef
ޔާނާ ޝަރީފް
Feb 17, 2026, 07:51 PM

މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓާ ހިލާފަށް ސަރުކާރުން ހަރަދުކުރަމުންދާތީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

Advertisement

އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

އެ ގަރާރު ހުށަހެޅުއްވީ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީކުރުވަން މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާކުރުމަށް ކަމަށް ގަރާރު ހުށަހަޅުއްވަމުން ކުޑޫ ވިދާޅުވި އެވެ.

ކުޑޫ ވިދާޅުވީ އުސޫލާ ހިލާފަށް ފައިސާ ނެގުމުގެ ބޭނުމުގައި، ޕެންޝަން ފަންޑް މެދުވެރިކޮށް ނާޖާއިޒް މުއާމަލާތެއް ހިންގުމަށްފަހު، އެ ފައިސާ ސަރުކާރަށް ނެގުމަށް މަސައްކަތްކުރަމުންދާ ކަމަށް މައުލޫމާތު ލިބެމުންދާ ކަމަށެވެ.

އެފަދަ މުއާމަލާތެއް ހިންގައިގެން ޕެންޝަން ފަންޑުން ސަރުކާރަށް ފައިސާ ނެގުމަކީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތައް އެއްފަރާތްކޮށް، އެ ހަމަތަކާއި އުސޫލުތަކާއި ކަނޑައެޅިގެން ހިލާފަށް ސަރުކާރުން ކުރާ ކަމެއްކަން ފާހަގަކޮށް ޕެންޝަން ބޯޑުގެ ޗެއާމަން ހިމެނޭގޮތަށް ގިނަ ބަޔަކު އިސްތިއުފާ ދެއްވިކަން އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

ސަރުކާރުގެ މި އަމަލުގެ ސަބަބުން، ޕެންޝަން ފަންޑުގައި ފަހަށް ރައްކާކޮށްފައި ހުރި ރައްޔިތުންގެ ފައިސާ އެގޮތް މިގޮތަށް ހަރަދުކޮށް، ހުސްކޮށްލަމުންދާކަން ފާޅުކަންބޮޑުކޮށް ފެންނަން އޮތްކަމަށް ކުޑޫ ވިދާޅުވި އެވެ.

އެކަމުގެ ސަބަބުން ޕެންޝަން ފަންޑުގެ މިނިވަންކަން ގެއްލި، އެކަމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ މުޅި މާލީ ނިޒާމުގެ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.

އެކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، ބޭރު ފައިސާގެ އަގު އިންތިހާއަށް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން، މުދަލާއި ހިދުމަތުގެ އަގުތައް ބޮޑަށް އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved