މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހަކީ އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހަށް ވާތީ އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ނިންމައިފިއެވެ.
ފެބްރުއަރީ 5 ވާ ބުރާސްފަތި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.
މި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި މީގެ ކުރިންވެސް ހަމަޖައްސަވާފައިވާތީކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނަނީ ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވާންވާނެކަމަށެވެ.
ޕީއެންސީގެ އޮފީސް ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިއަހަރު ހުޅުވޭ ދުވަހު ރިޔާސީ ބަޔާނުގައި މުހިންމު ކަންކަން ހާމަކުރައްވާނެ ކަމަށެވެ.
އެހެންނަމަވެސް ރިޔާސީ ބަޔާނުގައި މުއިއްޒު ހައްދަވަނީ ހުސް ދޮގެވެ. މީގެކުރިން އިއްވި ދެ ރިޔާސީ ބަޔާނުގައި ވެސް ރައްޔިތުންނަށް އޮޅުވާލަން އެކި ވާހަކަތައް ދައްކަވާފައިވެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހުޅުވާ ދުވަހުގެ ޖަލްސާ އޮންނާނީ ފެބްރުއަރީ 5 ވަނަ ދުވަހުގެ ހެނދުނު 9 ޖަހާއިރުއެވެ.
2025 ވަނަ އަހަރުގެ މަޖިލީހުގެ ޖަލްސާތައް ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔައީ ޑިސެމްބަރު 3 ވަނަ ދުވަހު އެވެ. އޭގެ ފަހުން މި މަހުގެ ތެރޭގައި ދައުރުން ބޭރުން ދެ ޖަލްސާއެއް ބާއްވާފައިވެ އެވެ.