
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރިފަރެންޑަމްއެއް ބޭއްވުމަށް ނިންމާފައިވާއިރު، މިކަމުގައި ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މަލީހު ވިދާޅުވީ ރިފަރެންޑަމް އަކީ ވަކި ކަމެއްގައި ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށް ދޫކޮށްލާ ސުވާލެއް ނަމަވެސް، މިފަހަރު ފެންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތް ރައްޔިތުންލައްވާ ގަބޫލުކުރުވަން މަޖުބޫރު ކުރަމުންދާ މަންޒަރު ކަމަށެވެ. މިގޮތުން ސަރުކާރުގެ މުވައްޒަފުންނާއި، ދައުލަތުގެ ވަސީލަތްތަކާއި، މީޑިއާގެ އިތުރުން މުޅި ދައުލަތް ބޭނުންކޮށްގެން ވަކި ނަތީޖާއެއް ނެރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މަލީހު ބަޔާންކުރެއްވި ގޮތުގައި، މިފަދަ ނިންމުމެއް ރައްޔިތުންނަށް ދޫކޮށްލާއިރު ރައީސުލްޖުމްހޫރިއްޔާ ހުންނަވަންޖެހޭނީ އެއްވެސް ފަރާތަކަށް ނުޖެހޭ "ނިއުޓްރަލް" ބޭފުޅެއްގެ ގޮތުގައެވެ.
މި ރިފަރެންޑަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ކައުންސިލް އިންތިޚާބާ އެއް ދުވަހެއްގައެވެ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ޚަރަދު ކުޑަވާނެ ކަމެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް، އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ މިކަމަށް ފާޑުކިޔަމުންނެވެ. ޚާއްސަކޮށް، ދެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ބޮޑު ބަދަލެއް ގެންނަން އުޅޭއިރު، އެކަމުގެ ސަބަބުން ދައުލަތުގެ ބާރުތައް މަސްހުނިވެ، ޑިމޮކްރެޓިކް ނިޒާމަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ.
މީގެ އިތުރުން، މި ފެންނަ ނުފެންނަ ވޯޓަކީ ހަމައެކަނި "އިޖުރާއީ" ކަމެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށާއި، ރައްޔިތުންގެ މިނިވަން އިޚްތިޔާރަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށްވެސް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. ކައުންސިލް އިންތިޚާބުގެ ފޯރިއާއި ރިފަރެންޑަމް އެއްކޮށްލުމުން، ރައްޔިތުންނަށް މި ބޮޑު ބަދަލާ މެދު ފުންކޮށް ވިސްނުމުގެ ފުރުސަތު ކުޑަވާނެ ކަމަށްވެސް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.










