theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
. / މަޖިލިސް
ސިޔާސީ
އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކަށް ރިފްޢަތު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
Yana Shareef
ޔާނާ ޝަރީފް
17 ފެބްރުއަރީ 2026

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާޤުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޑރ. މުޙައްމަދު ޒާހިދުގެ މެންބަރު ކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން ހުޅުވާލުމާއި ގުޅިގެން ނަން ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވީ ރިފްޢަތު ޢަބްދުﷲގެ ނަމެވެ.

މި މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމީޓީން ރިފްޢަތު ޢަބްދުﷲއާ ކުރި އިންޓަވިއުގައި އޭނާ ވަނީ 84 އިންސައްތައަށްވުރެ ގިނަ މާކްސް ހޯއްދަވާފައެވެ. އަދި އޭނާގެ ނަމާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅާފައި ނުވާކަން ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ލީގަލް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިވަގުތު ހުންނެވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ލީގަލް ކައުންސެލްގެ މަޤާމުގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދާއި، ކޮމިޝަނުގެ ނާއިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، މެންބަރު ޙަސަން ޒަކަރިއްޔާ އަދި މެންބަރު ޢަބްދުލްޙަސީބު އިސްމާޢީލްއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?