

ޙަރާމްގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގެ ބަރަކާތްކެނޑި ޢަމަލުތައް ޤަބޫލުވެވުމަށް ހުރަސްއެޅޭނޭ ކަމެއް ކަމަށާއި ދިރިއުޅުމުގައި އުފާވެރިކަމާއި ބާއްޖަވެރިކަންނެތި ޙަރާމް ގޮތުގައި ހޯދާ ތަނަވަސްކަމަކީ، އެ މީހެއްގެ ރިޒުޤުކަމުގައިވެއްޖެ މީހަކަށް ހުރި އަބާއްޖަވެރިކަން ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ކީރިތި ޤުރުއާންގައި މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ "ހަރާމް ތަކެތި ކައިގެން ހެދިބޮޑުވެފައިވާ މީހަކު، ސުވަރުގެ ނުވަންނަހުއްޓެވެ. އޭނާއަށް އެއްމެ އައުލާކަން ބޮޑީ ނަރަކައެވެ."
ޚުޠުބާގައި ބުނީ މާތް ﷲ އިންސާނާއަށް ދެއްވި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. އެއްވެސް މީހަކު އަނެކާގެ މުދަލަށް ޙައްޤަކާނުލައި އަރައިގަތުމަކީ އިސްލާމް ދީނުގައި ޙަރާމްކުރައްވައިފައިވާ ކަމެކެވެ. މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ވިދާޅުވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ލެޔާއި މުދަލާއި އަބުރަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. މިއަދު (އެބަހީ: ޢަރަފާތް ދުވަސް) ޙުރުމަތްތެރިވީ ފަދައިންނެވެ. މި މައްސަރު (އެބަހީ: ޛުލްޙިއްޖާ މަސް) ޙުރުމަތްތެރިވީ ފަދައިންނެވެ. މި ރަށް (އެބަހީ: މައްކާ) ޙުރުމަތްރެރިވީ ފަދައިންނެވެ."
މާތް ﷲ ވަނީ، އެކަލާނގެ ދީނުގައި މުދާ ހޯދައި، އެ މުދާ މިލްކުކުރުމުގެ ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅުއްވައިފައި ކަމަށާއި ބާޠިލުގޮތުގައި މީސްތަކުންގެ މުދާ ނުކެއުމަށް އެކަލާނގެ ވަނީ އަމުރުކުރައްވައިފައި ކަން ޙުޠުބާގައި ހަނދާން ކޮށްދިނެވެ. އަދި ހެޔޮ ގޮތުގައި ވިޔަފާރިކޮށް ދިރިއުޅުން ބާއްޖަވެރިކުރާން މަސައްކަތްކުރުމަށް އެންގެވިއެވެ.
ޚުޠުބާގައި ބުނީ މިއަދު އަހަރެމެންގެ މުޖުތަމަޢުގެ ޙާލާ މެދު ފިކުރުހިންގާ އިރު، އަހަރެމެންނާ ދިމާވާ ގިނަ ދަތިތައް ގުޅިފައިވަނީ، މުދަލާ މެދު ދީނުގައި އަންގަވައިފައިވާ އުޞޫލުތަކަށް އިހުމާލުވުމާއެވެ.