May 27, 2026
Advertisement
-
- / ކުޅުދުއްފުށި ސިޓީ ކައުންސިލް

އީދުގެ އުފާ ފާޅުކުރުމުގައި ޝަރުއީ މިންގަނޑުތަކަށް ބޯލެނބުމަށް އީދު ހުތުބާގައި ގޮވާލައިފި

Aiminath Sarah
އައިމިނަތް ސާރާ
May 27, 2026, 10:07 AM
މާލެ ސިޓީ

ބަރަކާތްތެރި އަޟްހާ އީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ޝަރުއީ މިންގަނޑުތަކާއި ދިވެހި ސަގާފަތާ ހިލާފު ނުވުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި އުޅެމުންދާ މުސްލިމް އަހުންނާއި އުހުތުންގެ މަތިން ހަނދާންކުރުމަށް މިއަދުގެ އީދު ހުތުބާގައި ގޮވާލައްވައިފިއެވެ.

Advertisement

 "އީދުގެ އަދަބުތައް" މި މައުޟޫއުގެ މައްޗަށް ބިނާކޮށް އިއްވި ހުތުބާގައި، އީދު ދުވަހަކީ މުޅި އަހަރުތެރޭގައި އަންނާނެ އެންމެ މާތް ދުވަސްތަކުގެ ތެރެއިން ދުވަހެއްކަން ފާހަގަކުރެއްވިއެވެ.

އީދު ދުވަހުގެ މުހިންމު އަޅުކަންތަކަށް އަލިއަޅުވާލަމުން، އަރަފާތު ދުވަހުގެ ފަތިހުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ފަހު ދުވަހުގެ އަސްރު ނަމާދާ ހަމައަށް ތަކުބީރު ކިޔުމަކީ ގަދަވެގެންވާ ސުންނަތެއްކަން ހުތުބާގައި ހަނދާންކޮށްދެއްވިއެވެ. އަދި އުޟުހިޔާ ކަތިލުމަކީ ކީރިތި ރަސޫލާ އަމަލީގޮތުން ކުރެއްވި، އިބްރާހީމް އަލައިހިއްސަލާމާއި އިސްމާއީލް އަލައިހިއްސަލާމް ވެވަޑައިގަތް މަތިވެރި ގުރުބާނީގެ ހަނދާންތައް އާކޮށްދޭ މުހިންމު އަޅުކަމެއްކަން ބަޔާންކުރެއްވިއެވެ.

އީދު ފާހަގަކުރުމުގައި ދީނީ ހަމަތަކުން ބޭރުނުވުމަށް ނަސޭހަތްތެރިވަމުން ހުތުބާގައި ފާހަގަކުރީ އީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި، އަންހެނުން ފިރިހެން ހެދުން އެޅުމާއި، ފިރިހެނުން އަންހެން ހެދުން އެޅުމާއި، ދެޖިންސު މަސްހުނިވެގެން ކުޅިވަރުކުޅުމުން ދުރުހެލިވާންޖެހޭނެ ކަމަށެވެ. މީގެ އިތުރުން، އީދުގެ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން އެހެން ދީންތަކުގެ ޝިއާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ވެސް ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތި ހާލުގައި ތިބި މުސްލިމުންނަށް ނަސްރާއި ކާމިޔާބު ދެއްވުން އެދި ދުއާކުރުމަށް ހުތުބާގައި ބާރުއެޅިއެވެ. މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުއާކަން ފާހަގަކޮށް، ހާއްސަކޮށް ގަތުލުއާންމުތަކާއި ހައިހޫނުކަމުގައި ތިބި އަހުންގެ ހާލަތަށް ސަމާލުވުމަށް ގޮވާލެއްވިއެވެ. ހަމައެއާއެކު، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުސްލިމުންނަށް އީދުގެ ތަހުނިޔާ ކިޔައި، އީދުގެ އުފަލުގައި އެމީހުން ބައިވެރިކުރުމަށްވެސް އިލްތިމާސްކުރެއްވިއެވެ.

ހުތުބާ ނިންމާލަމުން، އީދުގެ ބޮޑު ޖަމާއަތްތަކުން މަޙުޝަރުގެ މައިދާން ހަނދާނަށް ގެނައުމަށާއި، އެކަކު އަނެކަކަށް މައާފުކޮށް ހިތްތައް ސާފުކުރުމަށް ގޮވާލެއްވިއެވެ. ބޮޑާކަމާއި ހަސަދަވެރިކަން ހިތުން ފިލުވައިލުމަށާއި، ސަލާމަތް ހިތަކާއިގެން މާތް ﷲއާ ބައްދަލުކުރުމުގެ މުހިންމުކަން ހުތުބާގައި ހަނދާންކޮށްދެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved