theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
ކޮންމެ ލޭ ތިއްކަކީ ހާދަ މާތް ސަދަޤާތެކޭ!
Aiminath Zawjah
އައިމިނަތް ޒަޢުޖާ
06 ފެބްރުއަރީ 2026
މާލެ ސިޓީ

މިއަދުގެ ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ އިސްލާމްދީނުގައި އިންސާނިއްޔަތަށް އެހީތެރިވުމުގެ މަތިވެރިކަމާއި، ވަކިން ޚާއްޞަކޮށް ލޭ ހަދިޔާކުރުމަކީ އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ ވަރަށް މާތް ސަދަޤާތެއްގެ ގޮތުގައެވެ.

ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މާތްﷲ ގެ އަޅުތަކުންނަށް އެހީތެރިވުމަކީ ހަމައެކަނި ފައިސާއާއި މުދަލުން ކުރެވޭ ކަމެއް ނޫނެވެ. މީހެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ތިމާގެ ހަށިގަނޑުން ލޭ ހަދިޔާކުރުމަކީ ދަރުމައާއި ސަވާބު އިންތިހާއަށް ބޮޑުވެގެންވާ ކަމެކެވެ. އިސްލާމްދީން ބާރުއަޅަނީ އެކަކު އަނެކަކަށް އޯގާތެރިވެ، ދަތި އުނދަގޫ ހާލަތްތަކުގައި އެހީތެރިކަމުގެ އަތެއް ދިއްކުރުމަށެވެ.

މީހެއްގެ ފުރާނަ ސަލާމަތްކުރުމުގެ މަތިވެރިކަމާ ގުޅޭގޮތުން ކީރިތި ޤުރުއާނުގެ އަލްމާއިދާ ސޫރަތުގެ 32 ވަނަ އާޔަތުގައި މާތްﷲ ވަނީ މިފަދައިން ވަޙީކުރައްވާފައެވެ:

وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا
މާނައީ: "އަދި އެ ފުރާނައެއް ދިރުވައިފިމީހާ (އެބަހީ: މަރުން ސަލާމަތްކޮށްފިމީހާ) އެންމެހައި މީސްތަކުން ދިރުވިފަދައެވެ."

މި އާޔަތުން އެނގިގެންދަނީ އެންމެ އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަކީ މުޅި އިންސާނިއްޔަތަށް ދިރުން ދިނުން ފަދަ މަތިވެރި ކަމެއްގެ ގޮތުގައެވެ. ތެލެސީމިއާ ކުދިންނާއި، ބޮޑެތި އޮޕަރޭޝަންތައް ކުރާ މީހުންނާއި، އެކްސިޑެންޓްތަކުގައި ލޭ ބޭނުންވާ މީހުންނަށް ލޭ ހަދިޔާކުރުމަކީ އެމީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެވެ.

ޚުތުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި، މުސްލިމުންނަކީ އެކަކު އަނެކަކަށް އެހީތެރިވާ އެއް ހަށިގަނޑެއް ފަދަ ބައެކެވެ. އެހެންކަމުން، ސިއްހީ ގޮތުން ގާބިލުކަން ހުރި ކޮންމެ މީހަކުވެސް، ލޭ ހަދިޔާކުރުން ފަދަ އިންސާނީ ޚިދުމަތްތަކުގައި ބައިވެރިވުމަކީ އާޚިރަތް ބާއްޖަވެރިކުރުމަށް ލިބޭ ރަން ފުރުސަތެކެވެ. މާތްﷲ ގެ މަގުގައި ކުރެވޭ ކޮންމެ ހެޔޮ އަމަލަކީ އެކަލާނގެ ހަޟްރަތުގައި ބޮޑުވެގެންވާ ދަރުމަ ހުރި ކަމެކެވެ.

މިއަދުގެ ޚުތުބާ ނިންމާލާފައިވަނީ، ލޭ ހަދިޔާކުރުމުގެ ސަގާފަތް މުޖުތަމައުގައި އާލާކޮށް، އެކަކު އަނެކަކަށް އެހީތެރިވުމުގައި ދެމިތިބުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved