ޚުތުބާ / ސޯޝަލް މީޑިއާ
ހަބަރު
ވަޒީފާގެ އެއްބަސްވުމަކީ ހަމައެކަނި މުސާރައަށް ވެވޭ އެއްބަސްވުމަކަށް ނަހަދާ: ހުކުރު ޚުތުބާ
Mohamed Shahym
މުހައްމަދު ޝަހީމް
10 ޖެނުއަރީ 2025
މާލެ ސިޓީ

ވަޒީފާގެ އެއްބަސްވުމަކީ ހަމައެކަނި މުސާރަ ލިބިގަތުމަށް ވެވޭ އެއްބަސްވުމަކަށް ނެހެދުމަށް މިއަދު ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

މަސައްކަތުގެ އަޚްލާގުގެ މައްޗަށް އަލިއަޅުވާލާ މިއަދުގެ ޚުތުބާގައި ބުނެފައިވަނީ މުވައްޒަފުންނަކީ މަތިވެރި ސުލޫކުުން ޒީނަތްތެރިވެ އަޙުލާގު ރަނގަޅު ޚުލްޤު ހެޔޮ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.

މަތިވެރި އަޚްލާޤަކީ އިސްލާމީ ޢަޤީދާގެ އެންމެ މުހިންމު އަސާސްކަމަށާއި، އުންމަތެއް ހެޔޮ އުންމަތަކަށް ވަނީ އެ އުންމަތުގެ އަޚްލާޤީ ފޭރާން ތާހިރުވެގެން ކަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ވަޒީފާ ބަޔާނަކީ ޚިދުމަތް ފޯރުކޮށްދިނުމަށް ހިފޭ ޢަހުދު ކަށަވަރެއްކަމަށް ބުނެ، އެ ޢަޤުދުގައި ލިޔެވިފައިވާ ކޮންމެ ލަފުޒަކަށް ފަރުވާތެރިވުމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ. އަދި އޮފީހުގެ ވަސީލަތްތަކަކީ އަމާނާތެއްކަމަށް ބުނެ، އެ އަމާނާތްތަކަށް ރައްކާތެރިވުމަށް އިރުޝާދު ދީފައިވެއެވެ. ހަމައެއާއެކު ވަޒީފާގެ ވެށި ތަހުޒީބު އަމާން ވެށްޓަކަށް ހެދުމަކީ ކޮންމެ މުވައްޒަފެއްގެ ވާޖިބެއްކަމަށް ވަނީ ވިދާޅުވެފައެވެ.

ވަޒީފާގެ ވެށީގައި ކުރެވޭ މަސައްކަތްތަކުގައި މާތްﷲ ބަރަކާތްލައްވާނީ އިޚްލާޞްތެރިކަމާއެކު އެކަންކަން ކޮށްގެންނެވެ. މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެކަމަށް ބުނެ ޚުތުބާގައި ވަނީ އުއްމަތަށް ނަސޭޙަތްތެރިވެފައެވެ.

މީގެއިތުރުން ވަޒީފާގެ މައިދާނުގައި މަޤްޞަދަކަށްވާންޖެހޭނީ ދުނިޔެ ޢިމާރާތްކުރުން ކަމަށާއި، އޭގެ ބޭނުމަކަށް ވާންޖެހޭނީ އުޚުރަވީ ޙަޔާތް ކާމިޔާބު ކުރުން ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved