

ހިތްތަކަށް ހިތްހަމަޖެހުން ލިބޭ ސަބަބުތަކުގެ ތެރޭގައި ކީރިތި ޤުރްއާނާ މެދު ވިސްނައި ފިކުރުކޮށް އެ ފޮތް ކިޔެވުން ހިމެނޭ ކަމަށާއި ގިނަގިނައިން ގުރުއާން ކިޔެވުމަށް މިއަދުގެ ޚުތުބާގައި ގޮވާލާފިއެވެ.
މިއީ ހިތާމަތައް ފިލުވައި، ކަންބޮޑުވުންތަކާއި ހިތްދަތިކަން ދުރުކުރުމުގައި އެންމެ މަތިވެރި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެެއް ކަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން، ހެނދުނާއި ހަވީރުގެ ޒިކުރުތަކާއި، ނިދުމުގެ ކުރިން ކުރާ ޒިކުރުތަކާއި، ދުވާލާއި ރޭގަނޑުގެ އެހެނިހެން ވަގުތުތަކުގައި ކުރާ ޒިކުރުތައް އިތުރު ކުރުމަށާއި މި ޒިކުރުތަކުން މުސްލިމު އަޅާ، މާތް ﷲ ގެ ވާގިފުޅާއެކު، ޖިންނި ޝައިޠާނުންނާއި އިންސާނުންގެ ތެރެއިންވާ ޝައިޠާނުންގެ ނުބައިކަމުން ރައްކާތެރިކޮށްދޭނެއެވެ.
އަދި އެ ޒިކުރުތަކުގެ މާނައާ މެދުވިސްނައި، އޭގެ ނަތީޖާއާއި ފައިދާތައް ޔަޤީންކުރާ ނަމަ، އަޅާއަށް މާއްދީ އަދި މަޢުނަވީ ބާރު އިތުރުވެގެންދާނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ހިތްދަތިކަމުގެ ޙާލަތުގައި ބައެއްފަހަރު ވަސްވާސްތަކާއި ވަހުމުތަކުގެ ޝިކާރައަކަށްވެ، އިންސާނާ ޝައިޠާނާގެ މަކަރުވެރިކަމުގެ ދަލުގައި ޖެހި، އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް ވައްޓައިލެވޭއިރު ހިތާމައާއި ހިތްދަތިކަން ފިލުވުމަށް އެހީތެރިވުމަށް، ދިމާވާ ކޮންމެކަމެއްގައި ވެސް މާތް ﷲއާ ވަކީލުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
ދިރިއުޅުމުގައި ދިމާވާ ދަތިކަމަކަށްފަހު ލުޔެއް ލިބޭނެކަމުގެ އުއްމީދު ބައެއް މީހުން ކަނޑާލާ ކަމަށާއި ޙާލަތު ބަދަލުކުރުމަށް އިންސާނާ އަބަދުވެސް މަސައްކަތްކުރުމަށް ގޮވާލާފައިވެއެވެ.
ދިރިއުޅުމުގައި ދިމާވާ ދަތިތަކާމެދު މާޔޫސް ނުވުމުގެ މައްޗަށް އަލިއަޅުވާލާ މިއަދުގެ ޚުތުބާގައި ބުނެފައިވަނީ ދިރިއުޅުމުގެ ޙަޔާތަކީ ހިތްދަތިކަންކަމާއި ހިތާމަތަކާއި ދަތި އުނދަގޫ ކަންކަން ހިމެނިގެންވާ ޙަޔާތެއް ކަމަށާއި ދަތި އުނދަގުލަށް ފަހު، ފަސޭހަކަން އަންނާނެކަން ގަބޫލުކުރުމަށެވެ.