ޤައުމެއްގައި ފާޙިޝް ކަންތައްތައް ފެތުރި އާންމުވުމަކީ އެތަނަކަށް ﷲގެ ކޯފާ އަންނާނޭ ސަބަބެއް ކަމަށް މާތް ރަސޫލާ ސ.އ.ވ ގެ ހަދީޘުން ބަޔާންވެގެންވާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
ފާޙިޝް އަމަލުތަކާއި ދުރުހެލިވުމުގެ މައްޗަށް މިއަދުގެ ޚުތުބާ އަލިއަޅުވާލާފައިވާ އިރު މި ކުޑަ ކުޑަ މުޖުތަމަޢުގައިވެސް މިހާރު އަންނަނީ އެކަލާނގެ ނަހީކުރައްވާފައިވާ އެތަކެއް ފާފަތަކާއި ކުށްތަކަށް އަރައިގަންނަމުންނެވެ. ދިވެހި މުޖުތަމައު ކުށުގެ ހާއްޔަކަށް މިއަދު ވެފައިވާއިރު މިފަދަ ކުށްތައް އާންމުވެ އެކަންތައްތައް ފެތުރިގެން ދިޔުމަކީ މާތްﷲ ގެ ކޯފާއާއި މި ކުޑަ މުޖުތަމައު ކުރިމަތިލާންޖެހިދާނެ ކަމެކެވެ.
މުޖުތަމައުގައި ފާޙިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ މީސްމީޑިއާގެ ވަސީލަތްތައް ކަމަށާއި އެއްވެސް ލަދެއް ނެތި ދުވާލެއް ރޭގަނޑެއް ބެލުމެއްނެތި ހިތުހުރިހައި ވާހަކަތަކާއި، އޯޑިއޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާ ވިއުގަތަކުގައި ފަތުރަނީ ކުޑަކުދިންނާއި ޒުވާނުންނާއި އެންމެހާ އަފުރާދުންނަށް އެއިން ލިބިދާނެ ގެއްލުމާއި ހަލާކަށް ވިސްނައިލުމެއް ނެތި ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
މިފަދަ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރާއިރު މާތްﷲ ތަޢާލާ ފާރަވެވޮޑިގަންނަވާނެ ކަމަށާއި ޤިޔާމަތްދުވަހުން އެފަދަ އަމަލުތަކަށް އެމީހަކު ޖަވާބުދާރީވާން ޖެހޭނެ ކަމަށް ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ.
ޝަރުއީ އިމުގެ ތެރެއިން މީސްމީޑިއާ ބޭނުންކޮށް ފާޙިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމުން ދުރުހެލިވާންޖެހޭ ކަމަށާއި އެމީހަކު އުފުލަންޖެހޭ މަސްއޫލިއްޔަތު ނުއުފުލާ މުޖުތަމައު އިސްލާހްކުރަން އެއްކިބާވެއްޖެ ނަމަ އޭނާއަށް ސުވަރުގޭގެ ވަސްވެސް ނުލިބޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
ޒިނޭގެ މުޑުދާރު އަމަލުން އެއްކިބާވެ އެކަމަށް މަގުފަހިވާ ކަންތައްތަކުން ދުރުހެލިވުމަށާއި، ބެލުން ތިރިކުރުމަށްވެސް ޚުތުބާގައިވަނީ ނަސޭހަތްތެރިވެފައެވެ. އެހެނީ މިފަދަ ފާފަތަކަށް ލޯބިކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައިވެސް ބޮޑުވެގެންޗާ އަޒާބުހުރިކަން އިސްލާމްދީނުގައި ވަނީ އަންގަވާފައެވެ.
ފާޙިޝް ކަންތައްތަކާއި ދުރުހެލިވެ ރަނގަޅު ތައުބާއަކުން ތައުބާވެ ﷲ ގެ މަގުގައި ތަގުވާވެރިވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. ނުބައި ކަންތައްތަކުން މި ކުޑަކުޑަ މުޖުތަމައު ސަލާމަތްކޮށްދީ، ތަގުވާވެރި ޒުވާނުން ބިނާކުރުމަށް އެދި ދުޢާ އިތުރުކުރުމަށްވެސް ޚުތުބާގައި ވަނީ ގޮވާލާފައެވެ.