

މިއަދުގެ ސަރުކާރުން އެމްޑީޕީ ވަޒީރުންގެ މައްސަލަ ބަލަނީ ރޭވުމެއްގެ ތެރެއިންކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ސަރުކާރުގައި އެމްޑީޕީގެ ކެބިނެޓުގެ ތިން ވަޒީރުން ކަމަށްވާ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް އާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ އޭސީސީގެ ތަޙުޤީޤަކަށް ހާޒިރުވާން އަންގާފައި ވަނީ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ދަނޑިވަޅެއްގައި ކަމަށް ސޯލިހް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
ސޯލިހް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިވަގުތު ކަންކަން ހިނގަނީ އިންދާފުގެ ހަމަތަކާ އިދިކޮޅަށް ކަމަށެވެ. އެގޮތުން މިހާރު ހިނގަމުންދާ ކަންކަމަކީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން ހިންގާ ވަރަށް ނުރަނގަޅު ކަންކަން ކަމަށް ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.
މާޒީގައި މިކަން ހިނގައިދިޔަ ގޮތް އަޅުގަނޑުމެންނަށް އެބަ އެނގޭ ކަމަށާއި އިންސާފުން އެއްކިބާވެފައިވާ ތަޚުޤީޤުތަކާއި، ސިޔާސީ ހުކުންތަކުން މުޅި ޤައުމު ކިލަނބުވާނެ ކަމަށް ސޯލިހްގެ ޕޯސްޓްގައި ބުނެފައިވެއެވެ.
މިފަދަ ކަންކަމުން ދުރުވެ، އިންސާފާއި، ހަމަހަމަކަމާއި ގާނޫނުގެ ވެރިކަން އިސްކުރުމަށް ދައުލަތުގެ ވެރިންނަށް އިލްތިމާސް ކުރަން ސޯލިހް ގޮވާލާފައިވެއެވެ.
އޮކްޓޯބަރު 3 ވަނަ ދުވަހު އެމްޑީޕީ އިން ކުރިއަށް ގެންދިޔަ މުޒާހަރާއަށްފަހު ސަރުކާރުން އަންނަނީ ކުރީ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތަކުގެ ވާހަކަ ދައްކާ މައްސަލަތައް ބަލަމުންނެވެ.