
މީހަކު ކުރާ ކަމެއްގެ އަގު ވަޒަން ކުރުމަކީ އެއީ އަކީ މައްސަލައެއް ނޫނެވެ. ރަގަޅު ކަމެއް ކޮށްފިނަމަ އެކަން ފާހަގަކޮށް ހުށާމަދު ކުރުންވެސް ގޯހެކޭ ނުބުނެވޭނެއެވެ. އެހެން ނަމަވެސް އަހަރުމެންނަކީ މުސްލިމުން ކަމަށްވާއިރު އަހަރުމެންނަށް އެންމެ އިސް ވާންވާނީ އަހަރުމެންގެ ދީނާ، އަހަރުމެންގެ މުސްލިމު އަޚުންނާ އުޚުތުންނެވެ.
އެހެންނަމަވެސް ފާއިތުވި ބައެއް ވެރިކަންތަކުގައި އަހަރުމެންގެ މުސްލިމުންނަށް ފާޅުގައި އަނިޔާކޮށް ރޯކޮށް މަރަމުން ދިޔަ އެތައް ބަޔަކާ ގުޅުން ބަދަހިކޮށް އަހަރުމެންގެ ގައުމުގެ ދައުލަތުގެ ފަރާތުން ވަރު ވަރުގެ އަގު ވަޒަން ކުރުމުގެ އިނާމުތަކާ މެޑަލުތަކާ ފައްޓަރުބައިތައް ހަދިޔާކޮށްފައިވެއެވެ.
މިއަދު މި ވާހަކަ ދައްކަން މި ޖެހުނީ ދުނިޔޭގެ މަސްރަހުން ފެނިގެން ދިޔަ ހާދިސާއަކާ ގުޅިގެންނެވެ. އެގޮތުން އިންޑިއާގެ ހައްދު ފަހަނައަޅާފައިވާ ހިންދޫ އިޔަހޫދި ބޮޑު ވަޒީރު ނަރެންދްރަ މޯދީ އިސްރާއީލުގެ ނަމުގައި ފަލަސްތީނުގެ ބިމުން ފޭރިގަނެގެން ޔަހޫދީން ވަޒަންވެރިވެގެން އުޅޭ ބިމަށް މި ދުވަސްވަރު ގޮސް އެބަ އުޅޭކަން ދުނިޔޭގެ މީޑިޔާތަކުން ޚާއްސަކޮށް އިންޑިއާގެ މީޑިޔާއިން ވަރަށް ބޮޑަށް ދައްކަމުން ދެެއެވެ.
އެ ބިމުގައި މޯދީ އާ ޖައްބާރު ނަތަންޔާހޫ ބައްދަލުކޮށް މަޝްވަރާތަކެއް ކުރިއަށް ގެންދާނެކަން އިއުލާންކުރުމުގެ އިތުރުން މޯދީއަށް އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގެ ވެރިޔާގެ ފަރާތުން އަރުވާ އެންމެ މަތީ މެޑަލް ވެސް އެރުވި ކަމަށް އިންޑިއާގެ މީޑިޔާތަކުން ޚަބަރު ފަތުރާފައިވެއެވެ.
އެގޮތުން އިސްރާއިލްގެ ލެޖިސްލޭޓިވް ބޮޑީ ކަމުގައިވާ "ކްނެސެޓު"ގެ ސްޕީކަރގެ ފަރާތުން (ދިވެހި ރާއްޖޭގައި ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް)ގެ ފަރާތުން އަރުވާ އެންމެ މަތީ މެޑަލް މޯދީއަށް އިސްރާއީލުން ވަނީ އަރުވާފައެވެ. މި މެޑަލް އަރުވަނިީ އިސްރާއީލަށާ އަދި ޔަހޫދީންނަށް ކޮށްދޭ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.
މިހާ ހިސާބުން ހަނދާނަށް އައީ މީގެ ގާތްގަނޑަކަށް 7 ވަރަކަށް އަހަރު ކުރިއެވެ. 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އޭރުގެ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުން މޯދީއަށް އެރުވީ ދިވެހިރާއްޖޭގެ އެންމެ މަތީ އިއްޒަތް ކަމަށްވާ "ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމެވެ. އަމާޒެއް ކަމުގައި އޭރުގެ ސަރުކާރުން ބުނެފައި ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމާއި، މޯދީގެ ދައުރުގައި ދިވެހިރާއްޖެއަށް ދެއްވި އެއްބާރުލުން ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.
ނަމަވެސް މޯދީގެ ދައުރުގައި ރާއްޖެއަށް އެއްބާރުލުން ދިނީ ކިހިނެއްތޯ މިއީ ބަލާލުން މުހިއްމު ނުކުތާއެކެވެ. މޯދީގެ ދައުރުގައި ރާއްޖެއަށް އިންޑިއާއިން ދިން ކޮންމެ އެއްބާރުލުމެއްގެ ފަހަތުގައި އޮތީ ދަރަނި ދަންތުރައިގެ ވަރުގަދަ ވާފަށް ތަކެކެވެ. އެކަމުގެ ސިއްރު ހާމަވެފައި އޮތުމުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިންޑިއާއާ ފެއަށް ޖެހި އަމިއްލަ މިނިވަންކަމާ އިސްތިގުލާލު ހިމާޔަތްކޮށްފައިވަނިކޮށް ސޯލިހުގެ ސަރުކާރުން މަންމަގެ ފައްޓަރު ބަޔަށް ދާންދެން މޯދީއަށް ވެދުމަށް އެރުވީއެވެ.
އިސްރާއީލަކީ ޔަހޫދީން ހިސޯރުކޮށްގެން އުޅޭ ބިމަކަށްވާއިރު ޔަހޫދީ ވެރިއަކަށް ވުމުން ވެސް މޯދީއަށް އެ ގައުމުގައި ދޭ އެންމެ މަތީ އެވޯޑު އަރުވާފައިނުވާއިރު ރާއްޖެ ފަދަ މުސްލިމު ގައުމަކުން މޯދީއަށް މި މުސްލިމު ދައުލަތުގެ އެންމެ މަތީ ޝަރަފު އެރުވުމުން ދެން މާނަ ނަގަންވީ ކިހިނަކުންކަން ގޮތް ނިންމާނީ ތިކޮޅުންނެވެ. މިކޮޅުން މަޑުން މަޑުން މި ވާހަކަތައް މި ހާމަކުރަނީއެވެ. މުސްކުޅިން ބުނެ އުޅޭތި އަޑު އަހަމުއެވެ. ތަސްވީރު ބަލާނީ ތަސްވީރު ބުނާހެންނެވެ.










