
ހުޅުމާލޭގެ ބިން ހިއްކާފައިވަނީ ދިވެހި ރައްޔިތުންނަށް ދިނުމަށް ނަމަވެސް މިހާރު ސަރުކާރުތަކުން ވަނީ އެބައެއްގެ ގާތް މީހުންނަށް ބިންތައް ފޮތި ފޮތި ޖަހާ ބަހާލާފައި ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ބާއްވަމުންދާ ޕީއެންއެފް ޖަލްސާތަކުގެ ތެރެއިން އާދިއްތަ ދުވަހުގެރޭގެ ޖަލްސާގެ މައުޟޫކަމުގައިވާ "ސަރުކާރު ޖަވާބުދާރީކުރުވުން" އަށް އިންސާފުކުރައްވަމުން ރައީސް ޔާމީން ވަނީ ގޯތި ދިނުމާ ގުޅޭ ގޮތުން ސަރުކާރުތަކުން ކަންކުރަމުން ގެންދާ އުސޫލަކީ ޖަވާބުދާރީ ކުރަން ޖެހޭ މިސާލެއްގެ ގޮތުގައި ދައްކަވާފައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، ޅުމާލެއިން ބިން ހިންކާފައި ބޮޑެތި ބިންތައް ބެހެއްޓީ އެތަންތަނުގައި ފެލްޓް އިމާރާތްތައް އަޅައި، ގިނަ ބަޔަކަށް ބޯހިޔާވަހިކަން ދިނުމުގެ ބޭނުމުގައި ކަމަށެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުގައި ހުޅުމާލެ ފޭސް 2 ހިމެނޭހެން މާލެ ސަރަހައްދުން ބިން ދޫކުރަން ހިންގި މަޝްރޫއުއަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، އެމްޑީޕީން ވެެރިކަމަށް އައިސް ފޮތިފޮތި ކަފާލާފައި ގާތް މީހުންނަށާއި ތަނަވަސް މީހުންނަށް ބިންތައް ވިއްކާފައި ދެން ބާކީ ހުރި ބިންތައް ގާތް މީހުންނަށް ބަހާލީ ކަމަށެވެ. އެއީ ރައްޔިތުންނަށް މަސްލަހަތު ރަގަޅު ގޮތެއްނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އެކަންކަން ބަދަލުކުރަން އައިސް ޕީއެންސީއިންވެސް ހިނގަމުންދަނީ ހަމަ އެމަގުން ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ، ކަންކަން ވަނީ އެކޮޅުކޮޅުން ޖަހާފައިކަމަށާއެއީ ހުސް ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަންކަން ކަމަށެވެ.
ރައީސް ޔާމީން ވަނީ ސަރުކާރުން ކަންކަން ކުރަމުންދަނީ ވަކި މަގްސަދެއް ހާސިލްކުރުމަށް ކަމަށް ތުހުމަތުކުރައްވާފައެވެ.
ހުޅުމާލެ ފޭސް 2 ހިއްކާފައި ވަނީ ޔާމީންގެ ސަރުކާރުގައެވެ. ހިލޭ ބިން ދިނުމުގެ ސިޔާސަތާ އެކި ޖަލްސާތަކުގައި އެމަނިކުފާނު ގެންދަވަނީ ދެކޮޅުހައްދަވަމުންނެވެ.










