theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ސިޔާސީ މީހުންނާއި ސިޔާސީ ޕާޓީތަކާއި ސިޔާސީ ކަންކަން ދެކެ ރައްޔިތުން ފޫހިވަނީ ދައުލަތް ހިންގަން ހޮވޭ މީހުންގެ ސަބަބުން! / ތޭރަގްރެފިކްސް
ރިޕޯޓު
ސިޔާސީ މީހުންނާއި ސިޔާސީ ޕާޓީތަކާއި ސިޔާސީ ކަންކަން ދެކެ ރައްޔިތުން ފޫހިވަނީ ދައުލަތް ހިންގަން ހޮވޭ މީހުންގެ ސަބަބުން!
10 ނޮވެމްބަރު 2025
މާލެ ސިޓީ

ކޮންމެ އިންތިހާބަކާއި ދިމާކޮށް ސިޔާސީ ކެނޑިޑޭޓުން ދައްކަނީ ގައުމީ އަދި ދީނީ ސިފަތަކެވެ. ނަމަވެސް ހޮވުނީމާ އަމަލުތައް ފެންނަނީ ހޮވެން ދެއްކި ވާހަކަތަކާއި ދިމާ އިދިކޮޅު އަމަލުތަކެވެ. މީގެ ސާފު ތަހުލީލީ ތަޖުރިބާތައް ދިވެހި ފަސްގަނޑުން ސާފުކޮށް ފެންނާން އެބަހުރި. ދިވެހިރާއްޖެ އަކީ ސިޔާސީ ހުރިހާ ކަންކަމެއް ގޯސްކަމަށް ސާބިތުކޮށްދިނުމުގެ އެއް ލެބޯޓަރީ ކަމަށް ބުނެވިދާނެއެވެ.

2018 ވަނައަހަރު ވެރިކަމަށް ހޮވެން އެމްޑީޕީގެ ކެނޑިޑޭޓް ގޮވާލީ ރައީސް ނަޝީދަށް އިންސާފު ގެއްލިއްޖެ ކަމާއި ދައުލަތުގެ ގާނޫނީ ނިޒާމު ހަލާކުވެއްޖެ ކަމަށެވެ. ނަމަވެސް ވެރިކަމާއި ހަވާލުވި ހިސާބުން ފެނުނީ ވަކާލާތު ކުރި ކަންކަމާއި ދިމާ އިދިކޮޅު ކަންކަމެވެ. ރައީސް ނަޝީދުވީ ބާކީއެވެ.

ބައެއް ސިޔާސީ މީހުން ސިފަކުރާގޮތުންނަމަ ނިޒާމުން ގެއްލުވާލަން ބޮން ގޮއްވާލީ އޭރުގެ ސަރުކާރުގެ ތެރެއިން ރޭވި ރޭވުމަކުން ކަމަށެވެ. ގާނޫނީ ޝަރުއީ ނިޒާމު ހަލާކުވެ އަލުން އާރާސްތު ކުރަން ޖެހޭނެ ކަމަށް ބުނެ ޝަރުއީ ދާއިރާ އަތަށް އޮޅާލާ 2013 ގައި ހޮވުނު ވެރިޔާ ސިޔާސީ ނިޒާމުން ގެއްލުވާލުމަށް މަސައްކަތް ކުރަމުންގޮސް ޖަލުގައި އެތައް އަހަރެއް ހޭދަކުރަން މަޖުބޫރު ކުރުވިއެވެ. ވެރިކަމަށް ހޮވެން ދެއްކި ވާހަކަތަކާއި ދިމާ އިދިކޮޅު އަމަލުތަކެކެވެ. އިގްތިސާދު ރަގަޅަށް މެނޭޖް ނުކުރެވި އިގްތިސާދީ އަނދަވަޅަކަށް ގައުމު ވެއްޓިގެން ދިޔައީއެވެ.

2023 ވަނައަހަރުގެ ވެރިކަމަކީވެސް މިފަދަ ތަހުލީލެއްގެ އެއް އެކްސްޕެރިމަންޓެކެވެ. 2023 ވަނަ އަހަރުގެ ކެމްޕެއިންގައި ދެއްކީވެސް ޝަރުއީ ދާއިރާ ހިސޯރުވެފައިވާ ވާހަކައާއި ރައީސް އަބްދުﷲ ޔާމީން މިނިވަން ވާނީ ޕީޕީއެމް ޕީއެންސީގެ ވެރިކަމުގައި ކަމާއި ހުސް ގޮނޑި ތަމްސީލު ކުރަނީ ރައީސް ޔާމީނުގެ ސިޔާސަތާއި ބާރުވެރިކަން ކަމުގައެވެ. އަދި ވެރިކަމުގެ ބާރުވެރި ފަރާތަކީ ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ރައީސް ޔާމީން ކަމެވެ.

ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާފަދަ ކަންކަން ހިނގާފައިވާ ކަމާއި ރާއްޖޭގެ މިނިވަންކަން ފުރިހަމަ ނުވާކަމުގެ ތުހުމަތުތައް، އިންޑިއާ ސިފައިންގެ 2000 އަށްވުރެ ގިނަ މީހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބިކަމުގެ ތުހުމަތު ތަކާއި ސިއްރު އެއްބަސް ވުންތަކެއްގެ ސަބަބުން ދިވެހިންގެ އަމިއްލަ ވަންތަކަމަށް ހުރަސް އެޅިފައިވާ ކަމެވެ. އަދި އެފަދަ ސަބަބުތަކައްޓަކައި “އިންޑިއާ އައުޓް” ކުރުމަކީ ލާޒިމް ކަމެއް ކަމެވެ.

ހަމަ އެހެންމެ އެމްޑީއެން އާއި އުތެމަ ފަދަ ޖަމާއަތްތަކުން އިސްލާމް ދީނަށް ގޮންޖެހުމާއި ރަސޫލާއަށް ފުރައްސާރަ ކުރާ ވާހަކައެވެ. ބާނަ ބާނަ ތިއްބާ ކަނޑު ވިއްކާލި ވާހަކަ އަކީވެސް ކުށްވެރިކޮށް އޭރުގެ ކެމްޕެއިންގެ އެއް ތަނބެވެ. އަދި ދިވެހި އިގްތިސާދު މެނޭޖު ނުކުރެވިގެން ދައުލަތް ދަރަނިވެ އެތައް ގުނައަކުން ދަރަނި އިތުރު ވެގެން ދިޔަ ދިއުމަށް އިހުތިޖާޖު ކޮށް ކެމްޕެއިން ކުރުމެވެ. އަދި ދިވެހިވަންތަ ސިފަތައް ގައުމުން ގެއްލުވާލި ވާހަކައާއި ދިވެހީންގެ ރާއްޖެ ހޯދަން ވެއްޖެ ވާހަކައެވެ. އިސްލާމީ ޝިއާރު މަތިވެރި ކުރަން ޖެހޭނެ ވާހަކަ އާއި ހާމަކަން ބޮޑުކޮށް މައުލޫމާތު އާންމު ކުރަން ޖެހޭނެ ވާހަކަ އާއި ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލައިގެން ނުވާނެ ކަމުގެ ވާހަކަތަކަށް ތާއީދު ކުރާ ވާހަކައެވެ.

ސިޔާސީ މީހުންދެކެ ފޫހި ވާން ޖެހޭ ސަބަބުތައް މިހާރު ދިވެހި ސިޔާސީ ލެބޯޓަރީން ސާފުވެއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ދިވެހި ވައިގެ ބަނދަރު ވިއްކާލާ އިގްތިސާދު ރޫޅިގެން ދިޔައީ، ރައީސް ސޯލިހުގެ ވެރިކަމުގައި އިގްތިސާދީ ހާލަތު ދަށަށް ދިޔައީ، ދީނީ އެއްބައިވަންތަކަމަށް އަސަރު ކުރީ، މިއަދު ވެސް ފެންނަނީ މާއްދިއްޔަތުގެ ސިހުރުގައި ރައްޔިތުން ޖައްސާ ވައުދުތައް ބޮލާލާ ޖެހިތަނެވެ.

ވެރިކަމަށް އަންނަން ދެއްކި އެއްވެސް ވާހަކައެއްގެ ނަތީޖާއެއް ނެތެވެ. އެމްޑީއެން ރިޕޯޓެއް ކުރީ ސަރުކާރަކުން ބައިވެރިވެގެން ނެރުނީ މުގާބިލުގައި ސަމޯއާ އެއްބަސް ވުމެއް ހަމަ ދީނީ ތޯއެވެ؟ މިވަރުން ސިޔާސީ ކަންކަމަށް ލިބޭނީ ހިތްވަރުތޯ ވާނީ ފޫހިތޯއެވެ؟ އިންޑިއާ ސިފައިން ތިބި ކަމަށް އޭރު ބުނި މީހުން މިއަދު ބުނަނީ އިންޑިއާ ސިފައިން ތިބީ ގަންޖުފަރާސް ލައިގެން ކަމަށެވެ. ސިއްރު އެއްބަސްވުންތައް ވީ އިތުރެވެ އަދިވެސް ސިއްރު ލިސްޓު ވަނީ އިތުރުވެފައެވެ. ވިއްކާލި ކަނޑު ހޯދަން ކުރި މަސައްކަތެއް ނެތެވެ. ރައީސް ޔާމީނަކީ މި ސަރުކާރުގެވެސް އަމާޒުފަތްގަނޑެކެވެ. އޭރު ޔޯގާ ހަރާމްވިއިރު މިއަދު އެއީ ހަލާލު އެއްޗަކަށް ވެއްޖެއެވެ. އޭރުގައި ހަރާންވި ހުކުމް މިއަދު ހަލާލުވެ ނިމިއްޖެއެވެ. މިވަރުން ރައްޔިތުން ސިޔާސީ ވެރިން ދެކެ ވާނީ ފޫހި ނޫން އިތުުރ ކޮން އެއްޗެއްތޯއެވެ؟ އިހުތިރާމާއި ލޯތްބާއި އަޅާލުން ޖެހޭނީ ގަންނަންށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved