

ޕާކިސްތާނުގެ ފުލުހުންގެ ތަމްރީނު މަރުކަޒަށް ދިން ހަމަލާގައި 13 މީހުން ޝަހީދުވެފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފިއެވެ.
ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާ (ކޭޕީ) ޕްރޮވިންސްގެ ފުލުހުންގެ ތަމްރީނު މަރުކަޒަކަށް ރޭ ދަންވަރު ދިން ހަމަލާގައި މަރުވެފައި ވަނީ ހަތް ފުލުހުންނާއި ހަ ހަނގުރާމަވެރިންނެވެ.
މި ހަމަލާ ދީފައި ވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލަށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނިތާ އެއް ދުވަސް ފަހުންނެވެ.
ޑީއައި ޚާންގައި ހުންނަ މި ފުލުހުންގެ ތަމްރީނު މަރުކަޒަށް ދިން ހަމަލާގެ ޒިންމާ ޓީޓީޕީން ނެގިއެވެ. ޖަމާއަތުން ބުނީ މީހުން އެތަނަށް ވަނުމުގެ ކުރިން ގޭޓުގައި ގޮވާތަކެތި ޖަހާފައިވާ އުޅަނދެއް ގޮއްވާލި ކަމަށެވެ. ނަމަވެސް ފަހުން ވަނީ އެ ބަޔާން އަނބުރާ ގެންގޮސްފައެވެ.
މިކަމާ ގުޅިގެން ޑީއައި ޚާން ފުލުހުންގެ ތަރުޖަމާނު ޔަޤޫބު ޚާން ވިދާޅުވީ ގޮވުމުގެ އަސަރުގެ ސަބަބުން ފެސިލިޓީގެ ފާރު ވެއްޓި ދެ ފުލުހަކު ޝަހީދުވެފައިވާ ކަމަށާއި އޭގެ ފަހުން ދެ ފަރާތުގެ މެދުގައި ވަރުގަދަ ބަޑީގެ ހަމަލާތަކެއް ބަދަލުކުރެވުނު ކަމަށެވެ.
އިތުރު ހަ ހަނގުރާމަވެރިން ވެސް މަރުވެފައިވާ ކަމަށް ޚާން ވިދާޅުވިއެވެ.
ޕާކިސްތާނުގައި ފާއިތުވި އަހަރުތަކުގައި ކޭޕީގައި ހަނގުރާމަވެރި ޖަމާއަތްތައް އިތުރުވެފައިވުމުން އެކަން ކޮންޓްރޯލް ކުރުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާއިރު، ހަނގުރާމަވެރި ޖަމާއަތްތަކުން (މައިގަނޑު ގޮތެއްގައި ޓީޓީޕީން) ގިނަ ފަހަރަށް ސަލާމަތީ ބާރުތަކަށް އަމާޒުކޮށް، ސަރުކާރުގެ އޮފިޝަލުން މަރާލުމާއި ރަހީނުކުރުމުގެ މިޝަންތައް ވަނީ ހިންގާފައެވެ.
މި ހަފްތާގައި އެކަނި ވެސް އެ ސަރަހައްދުގައި ހަނގުރާމަވެރިންގެ ވަކިވަކިން ދިން ހަމަލާތަކުގައި ޕާކިސްތާނުގެ ތިން އޮފިސަރުން ހިމެނޭ ގޮތަށް ޕާކިސްތާނުގެ 12 ސިފައިން ވަނީ ޝަހީދުކޮށްލާފައެވެ.