
ގައުމުގައި ރައްޔިތުންގެ ފައިސާއިން ހިންގަމުންދާ ޚިޔާނާތުގެ ޒިންމާ ރައީސް ޑރ މުހައްމަދު މުއިއްޒު ނަންގަވަން ޖެހޭ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ މަޖިލިސް އިންތިހާބުގެ ދުވަސް ވަރާ ދިމާކޮށް ކެރޭނެއް ގަތުމުގެ ނަމުގައި އެމްޕީއެލްއިން 17 މިލިއަން ދޫކުރި ކަމަށާ ނަމަވެސް ކެރޭނު ލިބިފައި ނުވާ ކަމަށް އޮންލައިން ނޫހަކުން ރިޕޯޓުކުރި ޚަބަރު ހިއްސާ ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހު ވިދާޅުވީ، ފެންނަމުން ދަނީ ރައީސް މުއިއްޒުގެ ސަރުކާރުން ހިންގާފައި ހުރި ބޮޑެތި ޖަރީމާތައް ކަމަށެވެ. އަދި މިއަދު ކުންފުނިތަކުގެ ވެރިންނަށް އައްޔަންކޮށްފައި ތިބީ ސީދާ ރައީސް މުއިއްޒުގެ ބަސް އަހާ ރައީސް މުއިއްޒު ވިދާޅުވާ ގޮތަކަށް ކަންކަން ކުރާނެ މީހުން ކަމަށްވެސް މަލީހު ވިދާޅުވެފައިވެއެވެ. އެއީ މިއަދު ވަޒީފާ ދިނުމުގެ ބޭސިސް ކަމަށް ވެސް މަލީހު ވިދާޅުވެފައިވެއެވެ.
އެހެންކަމުން މިއަދު ސަރުކާރުގެ ތެރެއިން ހިންގަމުން ގެންދާ ބޮޑެތި ވައްކަންތަކާ އަދި ކޮރަޕްޝަންގެ އިތުރުން ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވަމުންދާ ދިއުމުގެ ފުރިހަމަ ޒިންމާ ވެސް ނަންގަވަން ޖެހޭނީ ޚުދު ރައީސް މުއިއްޒުކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.
އެމްޕީއެލްއަށް ކެރޭނެ ގަންނަން މަޖިލިސް އިންތިހާބުގެ ދުވަސްވަރު ހަވާލުކުރިއިރު އޭރު އެމްޕީއެލްގެ ސީއީއޯއަކީ ވަޖީހުއެވެ. ނަމަވެސް ވަޖީހު ވަކިކޮށް ރިޝްވާން މަގާމަށް އައްޔަންކުރުމުން މިހާރު އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ފައިސާ ބޭރުކުރީ ހުޅުމާލޭ ޕޯޓަށް ކެރޭނެއް ގަތުމުގެ ނަމުގަ އެވެ. އެ އެއްބަސްވުން ހެދީ ޗައިނާގެ ކުންފުންޏަކާއެކު އެވެ. ނަމަވެސް، ޗައިނާ ކުންފުނީގެ ދިވެހި އެޖެންޓުގެ ހައިސިއްޔަތުން މިކަމުގައި ހުރިހާ މުއާމަލާތެއްކުރީ ބިޒް އޭޝިއާ ޕްރައިވެޓް ލިމިޓެޑުން ކަމަށް ވެއެވެ.
ކެރޭނު ޖުމްލަ އަގަކީ 19 މިލިއަން ރުފިޔާ ކަމަށް ވެސް ވެއެވެ. އެ އަގުގެ 90 ޕަސެންޓު (17 މިލިއަން ރުފިޔާ) ދިވެހި އެޖެންޓަށް އެމްޕީއެލްއިން ދައްކާފައިވާ ކަމަށްވެއެވެ.










