20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމުން އެ ބިލް ތަސްދީގު ނުކޮށް ހިފެހެއްޓުމުގެ ބާރު ރައީސަށް ލިބިގެން ނުވާ ކަމަށާއި އެއީ ބިލް ތަސްދީގު ކުރުމަކީ އިޙްތިޔާރީ ކަމެއް ނޫން ކަމަށް އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ ތަރުޖަމާނު ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސަ ވިދާޅުވީ މަޖިލިސް ފަސްކުރުމާއި ގުޅޭ ގޮތުން ގޮތެއް ނިންމޭނީ ހަމައެކަނި މަޖިލީހަށް ކަމަށާއި މަޖިލީހުން ބޭނުންވާ ގޮތަށް ބިލް ފާސްކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އެ ގާނޫނު ތަސްދީގު ކުރާނަންތޯ ނުކުރާނަންތޯ ގޮތް ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އޮތް އިހްތިޔާރެއް ނޫން ކަމަށްވެސް އީސަ ވަނީ ވިދާޅުވެފައެވެ.
މި ބިލް ތަސްދީގުނުކޮށް ހިފަހައްޓާނަމަ މިފަހަރު ކޯޓަށްވެސް ދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުން ނިންމާ އެއްވެސް ނިންމުމެއް ގާނޫނުއަސާސީއާ ހިލާފުވޭތޯ ބެލުމުގެ އެއްވެސް ބާރެއް ރައިސުލްޖުމްހޫރިއްޔާއަށް ލިބިގެން ނުވާ ކަމަށާއި އެ ބާރު އޮތީ ސުޕްރީމް ކޯޓަށް ކަމަށް އީސަ ވަނީ ވިދާޅުވެފައެވެ.
އަދި ގާނޫނު އަސާސީ ބުނާ ގޮތުން، ރައީސް ތަސްދީގުނުކޮށް ބިލު އަނބުރާ ފޮނުވައިލި ނަމަވެސް ބަދަލެއް ނުގެނެސް ދެވަނަ ފަހަރަށް ފާސްކުރުމުގެ ފުރުސަތު މަޖިލީހަށް ލިބިދޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.