އދ. އަތޮޅަށް ރައީސް މުހައްމަދު މުއިއްޒު ދާދި ފަހުން ކުރެއްވި ދަތުރުފޅުގައި، މާމިގިލީގައި ވާހަކަ ދައްކަވަމުން މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމު ކުރީ ރައީސް މުހައްމަދު މުއިއްޒަށް ފުރައްސާރަ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގާސިމް މުއިއްޒަށް ސަނާކީ ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް އެމަނިކުފާނަށް ސިފަކުރެއްވެނީ ގާސިމް ރައީސް މުއިއްޒު ކުރިމަތީ ބައިންދައިގެން ކުރީ ޖެއްސުމާ ފުރައްސާރަ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަގްބޫލުކަން ބޭނުންނަމަ ވަޒީފާތައް ދޭން ޖެހޭނެ ކަމަށާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ރުހުން ވެސް ހޯދަން ޖެހޭ ކަމަށް ގާސިމް ވިދާޅުވީ މަޖާޒީ ގޮތަކަށް ރައީސް މުއިއްޒު ކަންކަން ކުރައްވަމުން ގެންދަވާ ގޮތަށް ހަޖޫ ޖައްސަވަމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ގާސިމްގެ ސަނާ ތައުރީފުގެ ފަހަތުގައި ވަނީ އަމިއްލަ އެދުން ކަމަށެވެ. ރައީސް ޔާމީން ވަނީ ގާސިމްގެ އަދިވެސް ވެރިކަމަށް އައުމުގެ އުއްމީދު އޮންނާނެކަމަށާ ގާސިމް އުޅޭ ގޮތުން ލިބުނު އަބުރާ އިއްޒަތް ދަނީ ކިލަނބުވަމުން ކަމަށެވެ.