މަޤާމުގެ މަސްއޫލިއްޔަތުން ގދ. ވާދޫ ކައުންސިލްގެ މެންބަރުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށްޓަކައި ވާދޫ ކައުންސިލްގެ ރައީސް ގުޅުމުން ފޯނު ނުނެގުމުން އިތުރު ތަފްސީލެއް ލިބިފައިނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލަރުން ސަސްޕެންޑްކޮށްފައި ވަނީ ނިމިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނާއެކު ހިންގި ކޮރަޕްޝަންގެ މައްސަލަ ތަހްގީގް ކުރެވޭތީ އެ މައްސަލައިގެ ތަހްގީގް ނިމެންދެކަަށެވެ.
ވާދޫ ކައުންސިލުގެ ރައީސް ޙަސަން ޢަބްދުﷲ އާއި ވާދޫ ކައުންސިލުގެ މެންބަރު މުޙައްމަދު ޝިފާޤް ސަސްޕެންޑް ކޮށްފައި ވަނީ މުސާރަ ނުލިބޭ ގޮތަށް ތިން މަސް ދުވަހަށެވެ. ކައުންސިލުގެ ނައިބްރައީސް ޙާޝިރު މުޙައްމަދާއި ކައުންސިލުގެ މެންބަރު ސާރާ މުޙައްމަދު ދެ މަސް ދުވަހަށް ސަސްޕެންޑްކޮށްފައިވާއިރު، ކައުންސިލުގެ މެންބަރު މާރިޔަތު އިބްރާހީމް ސަސްޕެންޑްކޮށްފައި ވަނީ އެއް މަސް ދުވަހަށެވެ.
އެލްޖީއޭއިން ބުނީ، އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާއި ގުޅިގެން އެ ރިޕޯޓުގައި ލަފާދީފައިވާ ފަދައިން އަމަލުކުރުމަށާއި ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މައްސަލަ ބަލާ، މުވައްޒަފުންގެ އިހުމާލެއްވާ ނަމަ އެކަންކަމަށް ޒިންމާވާ މުވައްޒަފުންނަށް ފިޔަވަޅު އެޅުމަށް އެ މައްސަލައަކާއި ގުޅުންހުރި، ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް، އެލްޖީއޭއިން ނިންމާފައިވާ ކަަމަށެވެ.