March 17, 2026
Advertisement
އެމްޑީޕީން ބޭއްވި މީޑިއާ ބްރީފިންއެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު
އެމްޑީޕީން ބޭއްވި މީޑިއާ ބްރީފިންއެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު / އެމްޑީޕީ

ފައްޔާޒް އޭސީސީ އަށް ހާޒިރުކޮށް ސުވާލުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Oct 13, 2025, 08:12 PM

ޕީއެންސީއަށް ނިސްބަތްވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުންޏަށް ނުހައްގުން ބަދަލުދިން ކަމަށް ތުހުމަތުކޮށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެ ކޮމިޝަނަށް މިއަދު ހާޒިރުކޮށްފި އެވެ.

Advertisement

ފައްޔާޒް އޭސީސީއަށް ހާޒިރުވުމުގެ އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ އަށް ތުހުމަތު ކުރަނީ 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި އޭނާ ބައިވެރިވެފައި ވަނީ އެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެން ނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމަށެވެ.

އެ އަމަލުގެ ސަބަބުން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ވެސް އޭސީސީން ތުހުމަތުކުރެ އެވެ.

ފައްޔާޒުގެ މައްސަލަ އޭސީސީން ބަލަން ފެށުމާ އެކު ސައުދުﷲ ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުގައި ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލުގެ ގޮތުގައި ފައިސާ ނުދީ، އެ އަގުގެ މަޝްރޫއުތަކެއް ދީފައި ވުމަކީ ދައުލަތަށް ލިބުނު ބޮޑު ފައިދާއެއް ކަމަށެވެ.

މެމްބަރު ސައުދުﷲ މިދިޔަ ބުރާސްފަތި ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްވިފްޓުން ހިންގަމުން ދިޔަ ހަ މަޝްރޫއެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހުއްޓުވައި ވަކިކުރި ކަމަށެވެ.

އޭސީސީގެ އަމުރު ލިބުމުން ފައްޔާޒް މިދިޔަ ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައި ނުވާނެ ކަމަށެވެ. އޭސީސީން އިންސާފުވެރި ތަހުގީގެއް ކުރާނެ އަދި ކުރެވޭނެ ކަމަށް މިއަދު ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައްޔާޒް މިއަދު އޭސީސީއަށް ހާޒިރުކުރި އިރު، ހަމަ މި މައްސަލައާ ގުޅިގެން ސުވާލުކުރުމަށް އެމްޑީޕީ އެންމެ ފަހު ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އިއްޔެ ވަނީ އެ އިދާރާއަށް ހާޒިރުކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved