 
             
        
     
             
                        އެތަން މިތަނުން ބޮޑެތި ބިން ގަންނަމުން ދަނީ ކާކުކަން ހުރިހާ އެންމެނަށް ވެސް އެނގެއެވެ. އަދުގެ ސަރުކާރުގެ ސުޕަރ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ތަމްސީލު ކުރާ ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރަކީ ލެއްވިހާ ތަނެއްްގައި އެ ބޭފުޅާގެ ބިން ގިނަވެފައިވާ ބޭފުޅެކެވެ.
މިފަހުން އާންމުކުރި މެމްބަރުންގެ މާލީ ބަޔާންތަަކުގެ ތެރެއިން އެންމެ ހައިރާންވެސްވީ ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާހުގެ މާލީ ބަޔާން ފެނިފައެވެ. އެކައުންޓުގައި ލޯ ލާރިވެސް ނެތް އިރު މެމްބަރު ދެތިން ބިން ގަނެފައިވެއެވެ. ނަމަވެސް އަހަރެއް ތެރޭ ފަސް މިލިއަން ރުފިޔާގެ އާމްދަނީ އެއް އޭނާއަށް ލިބިފައިވެއެވެ.
މާލީ ބަޔާނަށް ނޫސްވެރިން ހަބަރު ލިޔަން ފެށުމުން ދެން ފެނިގެންދިޔައީ އެކްސް އެކައުންޓުގައި މޮޅު ޕޯސްޓެއް ޖަހާލި މަންޒަރެވެ. ނޫސްވެރިންގެ މާލީ ބަޔާން ވެސް އާންމު ކުރަން ޖެހޭ ކަމަށް ބުނެ ފަލާހު ކޯފާވިއެވެ.
ފަލާހުގެ ނަމުގައި މިވަގުތު ހަތަރު ބިމެއް އެބަ އޮތެވެ. އެއީ ރ. އިންނަމާދޫ ފަލަކް، ފަތް، އަސުރުހިޔާ އަދި މާލެއިން ގަނެފައިވާ މ. އަސުރުކުރި އެވެ. މާލެއިން އޭނާ ގޯތި ގަތީ ހަތަރު މިލިއަން ރުފިޔާއަށް ކަމަށް ފަލާހު ބުނެ އެވެ. އިންނަމާދޫއިން ގަތް ގޯތީގެ އަގުތަކެއް އޭނާ ހާމައެއް ނުކުރެ އެވެ.
ފަލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މާލީ ބަޔާންތަކުގެ ވާހަކަ ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރުމުން އޭނާ ވިދާޅުވީ، އޭނާގެ ނަމުގައި މިހާރު ހުރި ބިންތަކުގެ އިތުރުން އިންނަމާދޫއިން ތިން ބިމަކާއި ހުޅުމާލެއިން ބިމެއް ގަނެފައިވާނެ ކަމަށެވެ. ނަމަވެސް އެ ބިންތަކުގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކޮށް އަދި ނުނިމޭ ކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހުގެ ގޯތިތައް:
މ. އަސުރުކުރި (4،000،000 ރުފިޔާ)
ހުޅުމާލެ (ރަޖިސްޓްރީ ބަދަލެއް ނުކުރޭ އަދި އަގު ހާމައެއް ނުކުރޭ)
ފަތް، ރ. އިންނަމާދޫ (އަގު ހާމައެއް ނުކުރޭ)
އަސުރުހިޔާ، ރ. އިންނަމާދޫ (އަގު ހާމައެއް ނުކުރޭ)
ފަލަކް، ރ. އިންނަމާދޫ، (ދައުލަތުން ލިބުނު ބަންޑާރަ ބިމެއް)
އިންނަމާދޫ (ރަޖިސްޓްރީ ބަދަލެއް ނުކުރޭ އަދި އަގު ހާމައެއް ނުކުރޭ)
އިންނަމާދޫ (ރަޖިސްޓްރީ ބަދަލެއް ނުކުރޭ އަދި އަގު ހާމައެއް ނުކުރޭ)
އިންނަމާދޫ (ރަޖިސްޓްރީ ބަދަލެއް ނުކުރޭ އަދި އަގު ހާމައެއް ނުކުރޭ)
ފަލާހުގެ މާލީ ބަޔާނުން އެނގޭ ގޮތުގައި އޭނާ މާލެއިން ބިން ގަތީ 2017 ވަނަ އަހަރެވެ. އިންނަމާދޫއިން އޭނާއަށް ލިބިފައިވާ ބަންޑާރަ ބިން ލިބުނީ 2004 ވަނަ އަހަރެވެ. އޭގެ އިތުރުން އިންނަމާދޫއިން މިވަގުތު އޭނާގެ ނަމުގައި ހުރި ދެ ބިން ގަތީ 2020 ވަނަ އަހަރާއި 2022 ވަނަ އަހަރުގަ އެވެ.
އާމްދަނީގެ ގޮތުގައި ފަލާހުއަށް ރައްޔިތުންގެ މަޖިލީހުން 900،000 ރުފިޔާ އަހަރެއްގެ ތެރޭގައި ލިބުނެ އެވެ. އަދި އޭނާގެ ކުންފުނިތަކުން ވެސް މުސާރައިގެ ގޮތުގައި އެ މުއްދަތުގެ ތެރޭގައި 900،000 ރުފިޔާ ލިބުނެވެ. އޭގެ އިތުރުން ގެދޮރު ކުއްޔަށް ދީގެން 3.2 މިލިއަން ރުފިޔާ ލިބުނު ކަމަށް ފަލާހު ބުނެ އެވެ. އާމުދަނީގެ ގޮތުގައި ޖުމުލަ 5،076،000 ރުފިޔާ ލިބުނެވެ.
ފަލާހުގެ ޝެއާ އޮންނަ ތިން ކުންފުންޏެއް އޮވެ އެވެ. އެއީ އޭނާގެ 90 ޕަސެންޓު ޝެއާ އޮންނަ މެރިން ޑިޒައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި 90 ޕަސެންޓު ޝެއާ އޮންނަ ސަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް އާއި 80 ޕަސެންޓު ޝެއާ އޮންނަ އައިލެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް އެވެ.
ފަލާހުގެ މާލީ ބަޔާނަކީ ދަޅައެއްކަން ޔަގީނެވެ. މިހާ ރުފިޔާ ވަދެފައިވާއިރު އެއްވެސް ކަމެއް އޮތީ ހާމައަކަށް ނޫނެވެ. ކޮރަޕްޝަންގެ އެތައް ތުހުމަތެއް ފަލާހަށް ރައްޔިތުން ކުރި ނަމަވެސް ފަލާހުގެ ނަޒަރުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގަވަނީ ޕީއެންއެފް އަދި އެމްޑީޕީގެ ވެރިންނެވެ.
ކެޔޮ ކެއި ވަރު އެނގޭނީ ބިތުފަންގި ނެގީމާއޭ މީހުން ބުނަނީ ތެދަށެވެ. ފަލާހު މިއަދު ސިއްރުން ރައްޔިތުންގެ ފައިސާއިންނާއި ބިންތަކުން ވައްކަން ކޮށްގެން ހުއްޓަސް މި ސަރުކާރު ބަދަލުވުމުން ދެން ހުރިހާކަމެއް ފަޅާއި އަރާނެއެވެ.
 
                                                                                                             
                                                                                                             
                                                                                                             
                                                                                                             
                                                                                                            