
އޮންލައިން ނޫސް "އަދަދު"އިން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓަރީގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަށް ކުރާ ތުހުމަތުތައް ކަމަށް ބުނާ ތުހުމަތުތަކަކީ ދޮގެއް ކަމަށް ޚަތިމުގައި އަތްލާ ހުވާކުރަން ކެރޭނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހު މީޑިޔާގައި ބުނެފިއެވެ.
ވެރިކަން ކުރާ ޕާޓީއިން ގޮތް ހުސްވެ ދިފާއަށް ކުޅުމުގެ ގޮތުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްކަމަށް ގިނަ ބަޔަކު ސިފަކުރާ ބައްދަލުވުމުގައި "އައިޝާ" ޑޮކިއުމެންޓަރީއާ ގުޅޭގޮތުން ޕީއެންސީން އެއްވެސް އެއްޗެއް ނުބުނެ އޮތީ ކީއްވެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ފަލާހު ވަނީ، އަދަދުން އާންމުކުރި ޑޮކިއުމެންޓަރީގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒޭ ކިޔައިގެން ހާމަކޮށްފައިވަނީ ހަގީގަތާ ޚިލާފު، ނުބައި، ދޮގު ވާހަކަތަކެއް ކަމަށް ބުނެ ދިފާއުކޮށްފައެވެ.
ފަލާހު ބުނެފައިވަނީ އަމިއްލަ ނަފްސު ފިޔަވާ ދެން އެންމެ އިތުބާރު އޮތީ ރައީސް މުއިއްޒުގެ މައްޗަށް ކަމަށާ އެހެންކަމުން ރައީސް މުއިއްޒަށް ތުހުމަތުކުރާ ކަމަށް ބުނާ އެ މައްސަލައިގައި ޚަތިމުގެ އަތްލާ ހުވާކޮށް އެކަން ދޮގުކުރަން ކެރޭނެ ކަމަށެވެ.
މިހާ ހިސާބުން ގިނަ ބަޔަކު ވަނީ ރައީސް މުއިއްޒަށް ކުރާ ތުހުމަތަކަކީ އެކަހެރި ތަނެއްގައި ހިނގާފައިވާ ކަމަށް ބުނާ ކަންކަން ކަމަށާ އެހެންކަމުން ފަލާހުއަށް އެކަން ދޮގުކުރަން އެނގޭނީ ކިހިނަކުން ކަމާ މެދު ސުވާލު އުފެދޭ ކަމަށް ބުނެފައެވެ.
ހަގީގަތަކީވެސް ރައީސް މުއިއްޒުއާ އިތުރު މީހަކާ މެދު އެފަދަ ކަމެއް ހިނގާފައިވާނަމަ އެކަން ދޮގުކުރަން އެނގޭނީ އެކަމެއް ހިނގި ވަގުތު އެތަނުގައި ތިބި ބަޔަކަށް އެކަނި ކަމަށާވެފައިވާ ކުރާ ތުހުމަތުތަކަކީ، އިތުރު ބަޔަކު ތިބެގެން ހިނގާފާނެ ފަދަ ކަމަކަށް ބެލެވެން ނެތުމެވެ.
ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އަދި މިހާރު އާޓްސް އެންޑް ހެރިޓޭޖު މިނިސްޓަރު ހީނާ ވަލީދު ވެސް މިކަން މި މައްސަލަ ފެންމަތިވުމުން ދޮގުކުރެއްވި އެވެ. އޭރުވެސް އާންމުން ގެންދިޔައީ ހިނާއަށް އެކަން ދޮގުކުރަން އެނގުނު ގޮތެއް ސާފުކޮށް ދިނުމަށް އެދެމުންނެވެ.
ފަލާހު މިފަދައިން ބުނެފައިވާއިރު ރައީސް މުއިއްޒު ކުރެއްވި ކަމަށް ބުނާ ކަމެއްގައި ފަލާހު ޚަތިމުގައި އަތްލާ ހުވާ ކުރަން ޖެހޭ ސަބަބެއް ނެތެވެ. އެހެންކަމުން މިހާރު މިވަމުންދާ ގޮތަކާ މެދު ސުވާލު އުފެދެއެވެ.










