

ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީގައި ސިޔާސީ އެއްވެސް ބޭފުލަކު ހިމެނިވަޑައިނުގަންނަވާނެ ގޮތަށް އިޞްލާހު ކުރައްވާނެކަމަށް އިންތިޚާބީ ރައީސް، ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ބޭރުގެ މީޑިއާއެއްކަމަށްވާ އަލް ޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
މުއިއްޒު އެ ދުވަހު ވިދާޅުވީ، ރާއްޖޭގައި އޭރު އޮތް ޝަރުޢީ ނިޒާމު މިނިވަންކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ. އެ ނިޒާމު މިނިވަން ނޫންކަމަށާ ސަބަބެއްގެ ގޮތުގައި ޑރ.މުއިއްޒު ފާހަގަކުރެއްވި އެއް ސަބަބަކީ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ހިމެނިވަޑައިގަތުމެވެ. މިއާއެކު ޑރ.މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ޝަރުޢީ ދާއިރާ މިނިވަން ކުރައްވާނެކަމަށާއި، ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ދުވަހުން ފެށިގެން އެއީ އަދުލުވެރި ނިޒާމަކަށް ބަދަލުކުރެއްވުމުގެ މަސައްކަތްކުރައްވަން ފަށްޓަވާނެކަމަށެވެ.
ޝަރުޢީ ނިޒާމު މިނިވަން ކުރައްވާނީ ކިހިނެއްތޯ ސުވާލު ކުރެއްވުމުން، ޖަވާބުގައި ޑރ މުއިއްޒު އެ ދުވަހު ވިދާޅުވީ، ޖޭއެސްސީއަށް ސިޔާސީ ގޮތުން މުވައްޒަފުން އައްޔަން ކުރުން ނިމުމަކަށް ގެންނަވާނެކަމަށެވެ. ޖޭއެސްސީގައި ސިޔާސީ މީހުން ތިބުމަކީ މިނިވަން އިންސާފުވެރި ނިޒާމެއް ގާއިމްކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަސްކަމަށް ވެސް ޑރ މުއިއްޒު އެދުވަހު ފާހަގަކުރެއްވިއެވެ.
އެހެންކަމުން ޖޭއެސްސީއަށް ސިޔާސީ މީހުން އައްޔަން ކުރުން ނިމުމަކަށް ގެންނަވާނެކަމަށާ ޝަރުޢީ ދާއިރާގެ އިދާރީ ހިންގުންވެސް ޖޭއެސްސީގެ ދަށުން ބަދަލުކުރައްވާނެކަމަށްވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ. ހަމަ އެހެންމެ ނޫނުތަކަށް ބަދަލުގެނެސް ޖުޑިޝަލް ސާވިސް ކޮމިޝަނުގައި، އެޑްމިނިސްޓްރޭޝަން އޮފް ޖުޑިޝަރީ ނޯންނާނެ ކަމަށް ވިދާޅުވެ އިތުރަށް ވިދާޅުވީ، ރިޓަޔާޑް ފަނޑިޔާރުން ފަދަ ބޭފުޅުން ޖޭއެސްސީއަށް އައްޔަންކޮށް ޖޭއެސްސީ މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އޭގެ ފަހުން ބަރާބަރު ދެ އަހަރުވީއެވެ. ވެރިކަމަސްވެސް ދެ އަހަރުވުމުގެ މަގުމަތީގައި އޮތްއިރު. ޖޭއެސްސީ ހަގީގަތުގައިވެސް އެ ވިދާޅުވި ގޮތަށް މިނިވަންވެއްޖެތޯ އެބަ ބަލާލަން ޖެހެއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެޓާނީ ޖެެނރަލް އަހުމަދު އުޝާމް ވިދާޅުވީ، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރެވެން އޮތީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށެވެ. އެހެންވެ، އެ މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ޖޭއެސްސީ އިސްލާހުކުރަން ހުށަހަޅުއްވާނީ މަޖިލީހުގެ ކޮޮން ދައުރެއްގައިކަމެއް އޭޖީ ވިދާޅެއް ނުވިއެވެ. އެ ޖަވާބު ހޮދަން ތަކުރާރުކޮށް އެދުމުންވެސް އޭޖީ ވަނީ ސީދާ ތާރީޚެއް ވިދާޅުވާން ދެކޮޅު ހައްދަވާފައެވެ.
ނިމިދިޔަ ސަރުކާރުން ޖޭއެސްސީއަށް ނުފޫޒު ފޯރުވާ ކަމަށާ ފަނޑިޔާރުގެތަކަށް އިންތިހާއަށް ނުފުޒު ފޯރުވާކަމަށް ބުނެ އެކަންކަން އިސްލާހު ކުރަން އައި ސަރުކާރަށް ދެ އަހަރުވާން ދާއިރު، މި ސަރުކާރުން ވެސް ގެންދަނީ ފާޅޫކަން ބޮޑު ގޮތެއްގައި ޖުޑިޝިއަރިއަށް ނުފޫޒު ފޯރުވަމުންނެވެ.
އެގޮތުން ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި މީހުންނަށް ރިޝްވަތު ކަމަށް ބެލެވޭ އެއްޗެއްދީގެން އެމީހުންގެ ފަޔަށް އަމިއްލަ ބަޑި ޖަހާ ހެދި ގާނޫނުގެ ދުސްތޫރީ މައްސަލަ ބަލަން ސުޕްރީމު ކޯޓުން ނިންމުމުން ފެނިގެން ދިޔައީ ޖުޑިޝިއަރީއަށް ނުފޫޒު ނުފޯރުވާނެ ކަމަށް ބުނެ އައިސް ރައީސް އަޑީގައި ހުންނަވައިގެން މުޅި ސުޕްރީމު ކޯޓަށް ޒަލްޒަލާއެއް ގެނެސް ފަނޑިޔާރުންތައް ތަޅާ ބުރުއްސާލި މަންޒަރެވެ.
މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ހުސް ގޮނޑި ދައްކައިގެން އެމަނިކުފާނަށް ކުރި ސަރުކާރުން ކޮށްފައިވަނީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެ އައިސް އެމަނިކުފާނާ އެއްކޮށް ދައުވާތައް އުފުލާފައިވާ ގިނަ ބައެއްގެ ދައުވާތައް އަނބުރާ ގެންގޮސް ފައިލްކޮށް ހެދިއިރު، ރައީސް ޔާމީންގެ ފަރާތްޕުޅުން ރިވިއު އަށް ހުށަހެޅި މައްސަލަވެސް ބަަލައިނުގަނެ އެމަނިކުފާނުގެ ދައުވާތައް ކުރިއަށް ގެންދަން ރައީސް މުއިއްޒުގެ ޕީޖީ ނިންމެވިއެވެ. ހަމައެހެންމެ އެމަނިކުފާނުގެ ކެންޑިޑެންސީ ބާތިލުވާނެ ހެން ހައިކޯޓުގައި އިސްތިއުނާފުގެ މައްސަލަ ދިގު ދެންމި ފަނޑީޔާރު ސަލީމަށްވެސް ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަންދީ ރައީސް މުއިއްޒުގެ ސަރުކާރުން ވަނީނަކަސް ތަޅާފައެވެ.
ކަންކަން މިހެންއިރު މިއީ ޖުޑިޝިއަރީގެ މިިނިވަންކަން ފާޓު ފުޅާކޮށް ދޭނެކަމަށް ބުނެ އައި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރެވެ. ވެރިކަމުގައި އޮތީ އެމްޑީޕީއިން ޖޭއެސްސީ ހިސޯރުކޮށްފި ކަމަށް ބުނި ޕިއެންސީއެވެ.
ޖޭއެސްސީގައި ތިބީ ސިޔާސީ މީހުންނެވެ. ލިސްޓު ފެށެނީ މަޖިލިީހުގެ ރައީސާ ހިސާބުންނެވެ. ޖޭއެސްސީގެ ރައީސަކަށް ހުންނެވީ ވެސް ސިޔާސީ ގޮތުން ކުލަ ޖެހިފައި ހުންނެވި ބޭފުޅެެވެ. މީގެ އިތުރުން ވެސް ޖޭއެސްސީގެ މެމްބަރުންނަށް ބަލާލުމުން މިކަން ވަރަށް ސާފުކޮށް ހާމަވާނެ އެވެ.
އެހެންކަމުން ވައުދު ގޯނި ހުޅުވައިގެން ރަށް ރަށަށް ދުވެވަޑައިގަންނަވާއިރު، ރައީސް މުއިއްޒުގެ އެންމެ މުހިއްމު ވައުދުތައް މިހުރީ އަދިވެސް ގޯނީގެ ފުލުގައި ތަތްލަވާފައެވެ. ރައީސް ޔާމީން މިނިވަން ކުރުމާ އިތުރު ޓެކްސް ތައާރަފްނުކުރާނެ ކަމަށާ ޖޭއެސްސީ މިނިވަން ކުރާނެ ކަމަށް ވީވައުދުތައް ފަދަ އެތައް އެތައް ވައުދެއް މިއަދު ގޯނި ހުޅުވައިގެން ބައިސާ ކަނޑުއްވަމުން ދުވެވަޑައިގަންނަވާއިރު، ރައީސް މީހާ ހަނދުމަ ހަމަ ނެތިބާއެވެ؟