theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މުއިއްޒަށް އެންމެ ފްލެޓުގަޑެއް ވެސް ބިމުން ހިއްލާ ނުލެވިގެން މި އުޅެނީ ކީއްވެ؟ / ތޭރަގްރެފިކްސް
ރިޕޯޓު
މުއިއްޒަށް އެންމެ ފްލެޓު ގަނޑެއް ވެސް ބިމުން ހިއްލާ ނުލެވިގެން މި އުޅެނީ ކީއްވެ؟
Qudhrathullah Ameen
ގުދުރަތުﷲ އަމީން
16 އޮކްޓޯބަރު 2025
މާލެ ސިޓީ

ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބައްޕަ އަކީ އަދި ވެސް ރައީސް އަބްދުﷲ ޔާމީން އެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރަކީ ރާއްޖޭގެ އުމްރާނީ ތަރައްގީ މުޅިން އެހެން ހަރުފަތަކަށް ގެން ގޮސް މުޅި ރާއްޖޭގެ ޗާޓު ބަދަލުކުރެއްވި ޒައާމަތެވެ. ދުނިޔޭގެ އެންމެ ބޮޑު ސާޗިން ޓޫލް ކަމުގައިވާ ގޫގުލް އަށް ވެސް ޖެހުނީ ރާއްޖޭގެ މަލަމަތި ބަދަލުވަމުން ދިޔަ ބާރު ސްޕީޑް ފަހަތުން ދުވެ ވަރުބަލި ވާށެވެ.

ބްރިޖްތަކާއި އިންޓަނޭޝަނަލް އަދި ޑޮމިސްޓިކް އެތައް އެއާޕޯޓް ތަކާއި ކޯޒްވޭ ތަކާއި ބޮޑެތި މިސްކިތް ތަކާއި ސުކޫލުތަކާއި 25 ބުރީގެ ހޮސްޕިޓަލް ތަކުން ފެށިގެން ގޮސް މުޅި ރާއްޖޭގެ އުތުރުން ފެށިގެން ދެކުނު އައްޑޫއާއި ހަމައަށް ރައީސް ޔާމީން ގެންދެވީ މުޅި ރާއްޖެ ތަރައްގީކުރައްވަން ރައްޔިތުންގެ ތަކްލީފުތަކަށް ތަސައްލީއެއް ހޯއްދަވާ ދެއްވަމުން ނެވެ.

އަދި ވަކިން ހާއްސަކޮށް މުޅި ރާއްޖޭގެ އިޖްތިމާއީ އެންމެ ބޮޑު ގިލަންވެރިކަމުގައި އޮތް ބޯހިޔާވަހި ކަމުގެ ދަތި ހާލަތަށް އެޑްރެސް ކުރައްވާ ހުޅުމާލޭގެ ދެވަނަ އަދި ތިން ވަނަ ފިޔަވަހި ހިއްކަވާ އަދި ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރީ ޒުވާނުންގެ ސަހަރެއްގެ ގޮތުގައި އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ހިޔާ މަޝްރޫއު"ގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ފްލެޓްތަކުގައި ދިރިއުޅޭ ދިވެހިން މިއަދު ވެސް ރައީސް ޔާމީން އަށް ޝުކުރާ ތައުރީފުގެ ބަސްތަކުން ވެދުން ކުރަނީ ރައީސް ޔާމީން އެ ސަހަރު ތަރައްގީ ކުރެއްވުމަށް ކުރެއްވި އަގުހުރި މަސައްކަތްފުޅުގެ މަތިން ހަދާންއާކޮށް ޝުކުރުވެރިވަމުން ނެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރައީސް ޔާމީން ތަރައްގީ ކުރެއްވި 25 ބުރީގެ 16 ޓަވަރު އަޅާފައިވާއިރު އެ ތަންތަނަށް ނަން ދީފައި ވަނީ އެޗް1 އިން ފެށިގެން އެޗް16 އަށެވެ. މިއަދު ލައްކައަކާއި ގާތް ކުރާނެ އާބާދީއެއް އޮތް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފްލެޓް ތަކުގައި މީހުން ދިރިއުޅޭތާ 7 އަހަރުވާން ދާއިރު އަދި ވެސް އެވަރު ބިޔަ ބޮޑު ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް ދިވެހިންނާއި ހަމައަށް ގެނެސް ދެވުނު ވެރިއަކު ނެތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރު ނިމި ރައީސް ޑރ. މުއިއްޒަށް ވެރިކަން ލިބި މި ވެރިކަމަށް 2 އަހަރުފުރެން ކައިވަތަކަށް ވީއިރު އަދި ވެސް ރައީސް ޔާމީންގެ ހިޔަނީގައި ސަޅިބައިސާ ކެޑުން ނޫން ދެވަނަ ކަމެއް ނުކުރެ އެވެ. ހުޅުމާލޭގެ މަލަމަތިންނާއި މާލޭގެ މަލަމަތިން އަދި ވެސް ކެމަރާ ލެންސްތަކަށް އަރަނީ ރައީސް ޔާމީންގެ ފަޑުވުމެއް ނެތް އަގުހުރި މަސައްކަތެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޑރ. މުއިއްޒު ހިޔާ އަވަށުގެ މީހުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ އެ ޓަވަރުތަކުން ގޯތި ލިބުނު ނަމަވެސް ސޯލިހު ސަރުކާރުން ނުދީ ފޭރިގަތް ފްލެޓްތައް ހޯދައި ދިނުމާއި ހިޔާ ފްލެޓް ލިބުނު ރައްޔިތުން ފްލެޓުތަކުގެ ފިނިޝިންނަށް ކުރި ހަރަދު އަބުރާ ދޭނެ ކަމަށް ވީ ވައުދެވެ. އަދި ރައީސް ޔާމީންގެ ޒައާމަތުގައި ނިންމަވާފައިވާ ގޮތަށް 5600ރ. އަށް ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ކޮށްދޭނެ ކަމަށް ވީ ވައުދު އަދި ވެސް އޮތީ ނުފުއްދަވަ އެވެ.

ރައީސް ޑރ. މުއިއްޒު އެވެ.

ރައީސް ޔާމީންގެ ނަމާއި އެމަނިކުފާނުގެ ލެގަސީ ވިއްކަވައިގެން އަދި އެމަނިކުފާނުގެ ތަރައްގީގެ ތަސައްވަރު ކޮންޓިނިއުކުރައްވާނެ ކަމަށް ވައުދުވެ "ހުސް ގޮނޑި" އެއް ރައްޔިތުންނަށް ދައްކަވަމުން ވެރިކަމަށް ވަޑައިގަތުމަށް ފަހު މިހާރު ތިޔަ ޖައްސަވަނީ ކޮން ސަކަރާތެއް ހެއްޔެވެ.

ރައީސް ޔާމީންގެ އެންމެ ބޮޑު އުންމީދު ކަމުގައިވާ މުޅި ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާ ވަހިކަމުގެ ހައްގުން މަހުރޫމް ވިޔަ ނުދިނުމަށް ކުރެއްވި މަސައްކަތްތަކާއި އަދި އެމަނިކުފާނު ގެންގުޅުއްވި ދުރު ވިސްނުން ފުޅު އެނގިވަޑައިގެން ހުންނަވާ އަދި އެމަނިކުފާނުގެ ކެބިނެޓުގައި ހައުސިން މިނިސްޓަރަކަށް އިންނަވާ ލިބިލެއްވި ފިލާވަޅުން މަނިކުފާނަށް ދަސްވީ ކޮންއެއްޗެއް ތޯ މިއަދު ރައްޔިތުން އެބަ ސުވާލު ކުރެއެވެ.

ސަބަބަކީ ހައުސިން އެންޑް އިންޖިނިއަރިން ދާއިރާއިން ކިޔަވާ ވިދާޅުވެ އަދި ރައީސް ޔާމީންގެ ޒައާމަތުގައި އެތައް މަސައްކަތެއް ކުރައްވަން އެމަނިކުފާނު ހަވާލުކުރައްވަމުން ދެއްވި ލަފާޔާއި އިރުޝާދުން އަދި ފަހުން ރައީސް ޔާމީންގެ ހިޔަނިން ވެރިކަމަށް ވަޑައިގެން ރާއްޖޭގެ ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ނުގެނެވި މަނިކުފާނު ވެރިކަމުގައި އިތުރަށް ހުރުން އެއީ ރައްޔިތުންނަށް "މައްސަލަ" އަކަށް ވާ ހިސާބަށް ކަންތައް ދާން ފެށުމެވެ.

ރައީސް ޔާމީންގެ ޒައާމަތުގައި އަދި ރާއްޖޭގެ ތާރީހުގައި ހިންގި ސޯޝަލް ހައުސިންގެ އެންމެ ބިޔަ މަޝްރޫއުގެ ދަށުން އަޅާފައިވާ 7000 އެޕާޓްމަންޓުގެ މަސައްކަތް ކުރަން ހަވާލުވީ މުޅި ދުނިޔޭގައި ވެސް ނަންހިގާ ޗައިނާ ސަރުކާރުގެ އެންމެ ބާރު ގަދަ އެއް ކުންފުނި ކަމަށްވާ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިންނެވެ. މި މަޝްރޫއު ހިންގަން 400 މިލިއަން ޑޮލަރުގެ ލޯނު ދިނީ ޗައިނާގެ އައިސީބީސީ ބޭންކް އިންނެވެ.

މި ތަން ތަނުން ރައީސް ޔާމީންގެ ވެރިކަމުގައި ލޯނު ދިނީ ޗައިނާގެ ރައީސް ޝީ ރާއްޖެ ވަޑައިގެން ރާއްޖޭގެ ބޯހިޔާވަހި ކަމަށް އެހީވާން ރައީސް ޔާމީން އެދިވަޑައި ގަތުމުންނެވެ.

ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ހިންގެވި އުމްރާނީ ތަރައްގީގެ މަސައްކަތްތަކުގެ "މޭސްތިރި" އަކީ ތިމަންނާ ކަމަށް ވިދާޅުވެ ސިއްރު ބައްދަލުވުންތަކުގައި ދެއްކި "ސަޅި" ވާހަކަ ތަކުގެ ދޮގުކަން މިއަދު ރައްޔިތުންނަށް ހާމަވަމުން ދިއުން ނޫން އިތުރު ކަމެއް މުއިއްޒުގެ ފުށުން ދިވެހިންނަކަށް ނުލިބުނެވެ.

ރައްޔިތުންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ އަށް، ހައްލެއް ނުލިބި ހާއްސަކޮށް، މާލޭ ސަރަހައްދުން ބޯހިޔާ ވަހިކަމެއް ހޯދުން އާންމު އިންސާނީ މުސީބާތަކަށްވެފައި ވާއިރު މަނިކުފާނު ވީ ވައުދާ އެއްގޮތަށް ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން 65000 ހާސް ފްލެޓް އަޅަން ވިދާޅުވާއިރު އަދި ތިޔަ އުޅުއްވަނީ ގައުމަކުން ލޯނެއް ނުވަތަ ހިލޭ އެހީ ގަނޑެއް ނުލިބިގެން ނެވެ.

ދުނިޔޭގެ ނަންހިގާ ކުންފުންނިތަކުގެ މިސްރާބު ހުރީ މަނިކުފާނާއި ފެއަށެވެ. ދުނިޔޭގެ އެންމެ ބޮޑެތި ކްރެޑިޓް ރޭޓިން އެޖެންސީތަކުން ދެނީ ރާއްޖެ ބަގުރޫޓް ވެދާނެ ކަމުގެ އިންޒާރެވެ.

ރައީސް ޔާމީންގެ އިގްތިސޯދީ މޮޅު ޖާދުލުން އެމަނިކުފާނުގެ ޒައާމަތުގައި ދިވެހިންނަށް ހޯއްދަވައި ދެއްވި ފޯރުންތެރިކަމާއި ބޭސްފަރުވާއާއި ވަޒީފާގެ ރައްކާތެރިކަމާއި ބޯހިޔާވަހިކަން ދެން ވެސް ރާއްޖެ ދެކޭނީ ރައީސް ޔާމީން ގެ ދެވަނަ ދައުރެއްގައި އެވެ. އެދުވަހަށް ދިވެހިން އެބަ އިންތިޒާރުކުރެ އެވެ.

ވާނީވެސް ދެން އެހެންތާ އެވެ. މަނިކުފާނަށް ތިޔަ އުޅެނީ އަދި އެންމެ ފްލެޓް ގަޑެއްވެސް ބިމުން މައްޗަށް ހިއްލާ ނުލެވިގެންނެވެ. ރަސްމާލެގައި 65000 ހައުސިން ޔުނިޓް އެޅޭނީ ހަރުލާ ގޮތަކަށް "ގާބުރިއެއް" ނަމަވެސް ތަނެއްގައި ބޭއްވިގެންތާ އެވެ.

އަންޑަވޯޓާ ޓަނަލް ތަކުގެ ހުވަފެނާއި އޮޅު ހިޔާގެ ނިވަލުގައި ގާނޫނު ބަދަލުކޮށް ވެރިކަމުގައި ހުރެވޭނެ ކަމަށް ތިޔަ ޖައްސަވާ ސަކަރާތަކީ މައްޗަށް ކުޅު ޖެހުން ފަދަ ކަމެކެވެ. އަނބުރާ އައިސް ޖެހޭނީ އަމިއްލަ މޫނުގައި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved