ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
ރައީސް ޔާމީން ސަރުކާރަށް: އަޅުގަނޑަށް އިތުރު ލުއިތަކެއް ދޭން ސަރުކާރަށް އެހާ ދަތިވާނެތޯ؟
Aishath Naja
އައިޝަތު ނަޖާ
29 ފެބްރުއަރީ 2024
މާލެ ސިޓީ

އިތުރު ލުއިތަކެއް ދިނުމަށް މި ސަރުކާރުން ޖެހިލުންވެވަޑައިގެންނަވަނީ ކޮން ސަބަބަކާހުރެތޯ އައްސަވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރަށް ވަރުުގަދަ ސުވާލެއް އަމާޒުކުރައްވައިފިއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ސިޔާސަތު ހުށަހެޅުމަށްޓަކައި ސިލްސިލާގޮތެއްގައި ކުރިޔަށް ގެންދާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތިދުވަހުގެ ރޭ ބޭއްވުނު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މި ސަރުކާރަކީ އެމަނިކުފާނުގެ ބޮޑެތި ގުރުބާނީތަކެއް ވެގެން ގެނައި ސަރުކާރެއް ކަމުން އެހާ ބޮޑު ގާނޫނީ ހުރަހެއް އޮވެގެން ނުވަތަ އެހާ ބޮޑު ބަޔަކު ކުށްވެރިކުރާ ކަމަކަށް ވާނެތޯ މި ސަރުކާރުން އެމަނިކުފާނު ޓީވީ އިންޓަވިއުތައް ދިނުމާއި ޕޯޑިއަމްތަކުގައި ވާހަކަދެއްކުން އެއީ ވިދާޅުވެ، ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.

މިހާރު މިއޮތީ އަޅުގަނޑުމެން ގެނައި ސަރުކާރެއް. އެހާ ބޮޑު ގާނޫނީ ހުރަހެއް އޮވެގެން ނޫނީ އެހާ ބަޔަކު ކުށްވެރި ކުރާކަމަކަށް ވާނެތޯ މި ސަރުކާރުން އަޅުގަނޑު ޓީވީ އިންޓަވިޔު ދިނުމާއި ޕޯޑިއަމްގައި ވާހަކަ ދެއްކުމާއި މިކަހަލަ ކަންކަން ކުރަން އަދި ތަންތަނަށް ދަތުރުކުރުމާއި މިކަންކަން ކުރަން އަޅުގަނޑަށް މިނިވަންކަން ދިނުމަކީ މި ސަރުކާރަށް އެހާ ދަތިކަމެއްތޯ؟

- ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ރައީސް ޔާމީން ވަނީ މި ސަރުކާރުން އެމަނިކުފާނަށް އެއްވެސް ލުއިތަކެއް ދެއްވާފައިނުވާތީ ވަރަށް ގިނަ ގުނަ ސުވާލުތަކެއް އަމާޒުކުރައްވާފައެވެ.

ރައީސް ޔާމީނަށް ލުއި ތަކެއް ދެއްވާފައިވަނީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުންނެވެ.

މި ސަރުކާރުން އެމަނިކުފާނަށް އެއްވެސް ލުއިތަކެއްދެއްވާނެ ތޯ ނޫސްވެރިން ހޯމްލޭންޑް މިނިސްޓަރ އިހްސާން ގާތު އެހުމުން އިހްސާން ވިދާޅުވީ ވަކި މީހަކަށް ވަކި ގޮތެއް ނުހެއްދެވޭނެކަމަށެވެ.

ނަމަވެސް އަދުގެ ސަރުކާރުން ވެރިކަމަށް އައީ ރައީސް ޔާމީންގެ ހުސްގޮނޑިއާއި ފޮޓޯ ޖަހައިގެން އެމަނިކުފާނު މިނިވަންކުރައްވާނެކަމަށް ވައުދުވެވަޑައިގަތުމަށްފަހުގައި ކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved