

ހުޅަނގު މޫސުމުގެ ބާރުގަދަވެ ވިއްސާރަ ކުރިއަށް އޮތް ހަފްތާގައިވެސް އަލިނުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައާ ގުޅިގެން މެޓު ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ހަފުތާއިން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަކުރަމުން އަންނައިރު ކުރިއަށް އޮތް ހަފްތާގައިވެސް ވިއްސާރަކޮށް ކަނޑުތައް ގަދަވާނެ ކަމަށެވެ.
ކުރިއަށް އޮތް ފަސް ދުވަހުވެސް ވިއްސާރަ ކުރާނެ ކަމަށާއި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެޓުން ބުނެފައިވަނީ ބޮޑަށް ގަދަވާނެ ކަމަށް ލަފާ ކުރެވެނީ އުތުރާއި މެދުރާއްޖެ ތެރެއަށް ކަމަށެވެ. އަދި ގުގުރުމާ އެކު ބޯކޮށް ވާރޭވެހުމާ އެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފައެވެ.
އުތުރާއި މެދު ރާއްޖެ ތެރެއަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށްވެސް ލަފާކޮށްފައި ވެއެވެ.
ހަމައެހެންމެ މިހާރު ރާއްޖެއަށް ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ބާރު ގަދަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި މުއްދަތުގައި ވައިބާރުވެ، ވިލާގަނޑުގައި އިތުރަށް ވައިގަދަވުން އެކަށީގެންވެއެވެ. އަދި، ޢާންމުކޮށް ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން، މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.