

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމް، ކޮރަޕްޝަންގެ ވާހަކަ ދެއްކުމަކީ ބަސަރާއަށް ކަދުރު ވިއްކުން ކަހަލަ ކަމެއް ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ، އެހެން މީހުން ވައްކަން ކުރާ ވާހަކަ ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް ދއްކަމުންދާއިރު، ނާޒިމްގެ ފަސްބައި އޮތް ގޮތް ހަނދާން ކޮށްލަން ޖެހޭ ކަމަށެވެ.
އެގޮތުން ނާިޒމްއަކީ ދިވެހި ދިދައިން ވައްކަންކޮށްގެން ހުކުމެއް ތަންފީޒުކުރި މީހެއް ކަމަށާ އަދި މިއަދު ވެސް މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުރި ނަމަވެސް އަދިވެސް އޭނާގެ އެ މައްސަލަ ބަލަން ދަށު ކޯޓަށް ތަހްވީލުކުރި ކުރުން ދެމި އޮތްކަން ވެސް މަލީހު ފާހަގަކުރެއްވިއެވެ.
ދާއޫދުގެ ވާހަކަ ދައްކާއިރު، ނާޒިމް ބަސަރާއަށް ކަދުރު ވިއްކުން ކަހަލަ ކަމެއް އެއީ. ނާޒިމްގެ ވާހަކަ ފެށޭނީ ގައުމީ ދިދައިން ކުރި ވައްކަމުން. ފަޅު ރަށެއްވެސް ވަށް ބިޑަކާ ނުލާ ހޯދައިގެން އެ ހުރީ
މަލީހު މިފަދައިން ވިދާޅުވެފައިވަނީ، މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މިހާރު ކުރިޔަށްދާ ފުލުހުންގެ ބްލޫ ހައުސިންގެ އޮޑިޓު ރިޕޯޓުތައް ދިރާސާކުރަން އުފައްދައިފައިވާ ސަބް ކޮމެޓީގައި ވާހަކަ ދައްކަމުން އޭސީޕީ މުހައްމަދު ދާއޫދަށް ކޮރަޕްޝަންގެ ބޮޑު ތުހުމަތުތަކެއް އަމާޒުކުރައްވާ އޭނާއަށް ލިބިފައި ހުރި ގޮތް ނޭނގޭ ފައިސާތަކަކީ އެމްއެމްޕިއާރުސީ ފައިސާ ކަމަށް ބުނެ ވާހަކަ ދައްކަވާފައިވާތީ އެކަމަށް ރައްދު ދެއްވާއެވެ.
އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީ އިން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑު ނަމަކަށް ކިޔާ ކުންފުންޏެއްގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރިކަން ސާބިތުވެ 2015 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ޖަލަށް ލާން ސުޕްރީމު ކޯޓުން ހުކުމް ކުރިކަން ފާހަގަކޮށްލެވެއެވެ. އަދި އޭގެ ފަހުން، 25 އަހަރަށް ޖަލަށްލުމަށް ސްޕްރީމް ކޯޓުން އިއްވި ހުކުމް ރިވިއު ކުރުމަށް ނާޒިމް ކޯޓަށް ހުށަހެޅިއެވެ. ބޮޑު ހުކުމެއްގައި ޖަލުގައި ހުރުމުގެ ބަދަލުގައި ބޭސް ފަރުވާ ޗައްކަރު ޖަހާ ގޮސް ރާއްޖެއިން ބޭރުގައި އަރާމުގައި ދިރިއުޅުމަށް ފަހު ވަކި ސަރުކާރެއް ނިމުން އެނބުރި ރާއްޖެ އައިސް ތިމާގެ ހުކުމް ބާތިލުކޮށްދޭނެ ސަރުކާރެއްގައި ސުޕްރީމު ކޯޓަށް އެ މައްސަލަ އަލުން ނާޒިމް ވެއްދިއެވެ.
އެއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއިން ކާމިޔާބުކޮށް އިބްރާހިމު މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވި ފަހުންނެވެ. ސުޕްރީމު ކޯޓަށް މައްސަލަ ވައްދާ އޭގެ މާކަ ގިނަ ދުވަހެއް ނުނަގާ ދިވެހިރާއްޖޭގެ ސުޕްރީމު ކޯޓުން ވަނީ އެ ކޯޓުގެ ނިހައީ ހުކުމެއް ފުރަތަމަ ފަހަރަށް ބަދަލުކޮށް ނާޒިމްއަށް ކުރިން އެ ކޯޓުން ކުރި 25 އަހަރުގެ ހުކުމް ބާތިލުކޮށްފައެވެ. ނަމަވެސް މައްސަލަ އަލުން ބަލަން ހުކުމްކޮށްފައިވެއެވެ.