

ޤިޔާމަތްދުވަހުން ނަމާދަށް ރައްކާތެރިވާ މީހާއަށް އެ ނަމާދުތައް ވާހުށީ އެމީހާ ރައްކާތެރިކޮށްދޭ ނޫރެއް ކަމުގައި ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
"ނަމާދަށް ފަރުވާތެރިވުން" މި މައުޟޫގެ މައްޗަށް މިއަދުގެ ޚުތުބާ އަލިއަޅުވާލާފައިވާއިރު ޚުތުބާގައި ބުނެފައިވަނީ އިސްލާމްދީން ބާވައިލެއްވުމަށްފަހު އިންސާނުންގެ މައްޗަށް އެންމެ ފުރަތަމަ ފަރުޟުކުރެއްވި އަޅުކަމަކީ ނަމާދު ކަމަށާއި ބާލިޣުވެ ބުއްދި ސަލާމަތުންހުރި ކޮންމެ މީހެއްގެ މައްޗަށް ކޮންމެ ހާލަތެއްގައިވެސް ނަމާދު އަދާކުރުން ފަރުޟުކަމުގައެވެ.
ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ ކަމަށް ކީރިތި ޤުރުއާނުގައި އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.
ނަމާދު ފަރުޟުކުރެވިގެން ދިޔައީ އެންމެ މަތިވެރި ޝަރަފުވެރި މަގާމަށް އެންމެ މަތިވެރި ސާހިބާ ގެންދެވުމަށްފަހުގައެވެ. އެ ސާހިބާގެ އެންމެ ފަހު ވަޞިއްޔަތަކީވެސް މި އުއްމަތުގެ މީހުން ނަމާދަށް ރައްކާތެރިވެ ފަރުވާތެރިވުމަށެވެ. އެކަލޭނގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އުޅުއްވަމުންވެސް ނަމާދަށް ބިރުވެތިވެ ފަރުވާތެރިވިއެވެ. އެހެންކަމުން ނަމާދަކީ އިސްލާމްދީނުގައި އެންމެ މުހިއްމު އަޅުކަން ކަމުގައި އެކަލޭނގެފާނު ދައްކުވައިދިން ކަމަށާއި ނަމާދަށް ފަރުވާތެރި ވުމަކީ އެންމެހާ އިންސާނުންގެ މައްޗަށް ވާޖިބުކަމެއް ކަމުގައި ޚުތުބާގައި ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި އެންމެ މާތް އަޅުކަމަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުން ކަމަށްވެސް ޚުތުބާގައިވަނީ ފާހަގަކޮށްފައެވެ. ނަމާދަކީ ކީރިތި ޤުރުއާނުގައި އެންމެ ގިނައިން ބަޔާންކުރައްވާފައިވާ އަޅުކަން ކަމަށްވާއިރު ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ހިސާބުވެސް ބެއްލެވޭނީ ނަމާދާއި މެދުކަން ބަޔާންވެގެންވެއެވެ. އެހެންކަމުން ނަމާދު އޭގެ ވަގުތުގައި އަދާކޮށް އެ ނަމާދުން އެ ދުވަހުގައި ރައްކާތެރިކަން ހޯދުމަށް މަސައްކަތް ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.