March 10, 2026
Advertisement
-
- / ތޭރަ އޮންލައިން

ޗާގޯސް ދިނީ ގަމާރުކަމުން ކަމަށް ޓްރަމްޕްވެސް ބުނެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 21, 2026, 06:07 AM
މާލެ ސިޓީ

އިނގިރޭސިވިލާތުން ޗާގޯސް އައިލެންޑްސްގެ މައްޗަށް އޮތް ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް ނިންމި ނިންމުމަކީ "ގަމާރު" ނިންމުމެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރައްވައިފިއެވެ. ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ، ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ގޮސްފައިވާ އިރުގައެވެ.

Advertisement

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު، މޮރިޝަސްއަށް ދޫދިނުމުގެ ސަބަބުންނެވެ. ރާއްޖޭގެ ޒަމާންވީ ރައުސްމާލެއްގެ ގޮތުގައި ބެލެވޭ، ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް މޮރިޝަސްއަށް ލިބޭ ގޮތަށް ބައިނަލްއަގުވާމީ ކޯޓުން ނިންމީ އެމްޑީޕީ ސަރުކާރުން ރާއްޖޭގެ ޒަމާންވީ ސިޔާސަތު ކުއްލިއަކަށް ބަދަލުކުރުމާ ގުޅިގެންނެވެ. މިއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ލިބުނު ބޮޑު އުނިކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. މި ނިންމުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް އޮތް ކަނޑުގެ ސަރަހައްދު ހަނިވެ، ގައުމުގެ އިގްތިސާދަށް އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.

ޓްރަމްޕްގެ މި ވާހަކަފުޅާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަނެއްކާވެސް މި މައްސަލަ ވަނީ ހޫނުވެފައެވެ. ވަކިން ހާއްސަކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދާނެ ކަމަށް ވީ ބޮޑު ވައުދު ފުއްދުމަށް އެދެވޭ އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، އެމްޑީޕީ ސަރުކާރުން މި ބޮޑު ޖަރީމާ ހިންގިއިރު، މިހާރުގެ ސަރުކާރުން އެކަން އިސްލާހުކޮށް ރާއްޖޭގެ ކަނޑު އަނބުރާ ހޯދުމުގެ ބަދަލުގައި ތިބީ ހަނުއެވެ. ރައީސް މުއިއްޒުގެ މި ސަރުކާރުން، ރާއްޖޭގެ ބާރާއި މިނިވަންކަން ދެމެހެއްޓުމަށްޓަކައި ޗާގޯސް މައްސަލައިގައި ބައިނަލްއަގުވާމީ މައިދާނުގައި ހަރުދަނާ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ވެރިންވެސް މިފަދަ ނިންމުންތަކަކީ "ގަމާރު" ނިންމުންތަކެއްގެ ގޮތުގައި ސިފަކުރަމުންދާއިރު، ދިވެހި ސަރުކާރުން ރާއްޖޭގެ ހައްގުތައް ހޯދުމަށް ފަސްޖެހުމަކީ ދިވެހި ގައުމަށް ލިބޭ ވަރަށް ބޮޑު ދެރައެކެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގަކަށްވާއިރު، އެ ހައްގު ހޯދައިދިނުމަށް މި ސަރުކާރުން ނުކުޅެދިފައިވާ ކަމަށް ބުނެ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައު
ނަސްރުﷲ
Jan 21, 2026, 06:45 AM
ގަމާރުބަޔަކު ކުރިގަމާރު ކަމެއްގެ ހިތިފިލުވާނެ ގޮތެށް ނެތީމަ ހަނުތިބެންޖެހޭނީ އެއޮތީ އެކަން އެގޮތަށް ކޮއްފަ، ދެން އަނބުރާ އެކަން ރަނގަޅު ކުރެވޭނެ ވެރިޔަކު މިގައޮމަކަށް ނައަންނާނެ އެމްޑީ ޕީގަ އިސްކޮށް ތިބީ ހުސް ގަމާރުން!
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved