މުއައްސަސާތަކުގެ ވެރިން ކޮރަޕްޓް ވާހަކަ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ދައްކާއިރު، އޭނާގެ ތާރީހާއި ފަތްފުށް އޮތީ ފެންނަން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ބުރާސްފަތި ދުވަހުގެރޭގެ މައުޟޫއަށް އިންސާފުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ދާއޫދުގެ ބޮލުގައި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް އަޅުވާ ނާޒިމް ދާދި ފަހުން މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކާފައިވާ ވުމަށް އިޝާރާތްކުރައްވާފައެވެ.
އެގޮތުން، މުއައްސަސާތަކުގެ ވެރިން ކޮރަޕްޓް ވެފައިވާ ކަމަށާއި އެކަންކަމާއި މެދު ފިޔަވަޅު ނޭޅޭ ކަމަށް ނާޒިމް ވިދާޅުވެފައިވާތީ، ރައީސް ޔާމީން ވަނީ ނާޒިމް އެހެން މީހުން ކޮރަޕްޓް ވާހަކަ ދައްކަވާ އިރު ނާޒިމްގެ ފަތިފުށް ބަލާލުން ރަނގަޅު ކަމަށް ވިދާޅުވެފައެވެ. ކަންކަމުން ފެށިގެން ބޮޑެތި ކަންކަމާއި ހިސާބަށް ބެލިއަސް ނާޒިމްގެ ކޮރަޕްޝަންގެ މާޒީ އެއް އޮތް ކަން ރައީސް ޔާމީން ހަނދާން އައުކޮށްދެއްވާފައިވެއެވެ.
ރައީސް ޔާމީން ވަނީ ނާޒިމްގެ ބެލުމުގެ ދަށަށް ފަޅު ރަށެއްކަމަށްވާ މ.ތުވަރު އައި ގޮތް އެކަނި ބަލާލުމުން ވެސް ކޮރަޕްޝަންގެ ކަންކަމުގެ ނާޒިމްގެ ހުރި މިންވަރު ހާމަވާކަމަށް ވިދާޅުވެފައެވެ.
މުއައްސަސާތަކުގެ ވެރިން ކޮރަޕްޓް ކަަމަށް ނާޒިމް ވިދާޅުވާ އިރު އެކަން ހައްލުކުރުަމަށް ނާޒިމް މަސައްކަތް ނުކުރައްވަނީ ކީއްވެތޯ ވެސް ޔާމީން ސުވާލު އުފެއްދެވިއެވެ. އަދި ނާޒިމް މާ މާތް މީހަކަށް ވެގެން އެހެން މީހުންގެ ކޮރަޕްޝަންގެ ވާހަކަ ދައްކަވާ ނަމަ އެ ކޮރަޕްޝަން ހިނގާ ސަބަބާއި އެކަން ހުއްޓުވޭނެ ގޮތް ވެސް ނާޒިމް އާއްމުންނަށް ކިޔާދެއްވަން ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކައިގައި އިޝާރާތްކުރެއްވި ފަޅުރަށަކީ މ.ތުވަރު ކިޔާ ރަށެކެވެ. އެ ތަނަކީ ކުރިން ދަނޑުވެރިކަމަށް ބޭނުން ކުރަމުން އައި ތަނެކެވެ. ޔާމިންގެ ވާހަކައިގައި ވިދާޅުވީ އެ ތަން ނާޒިމްގެ ބެލެނިވެރިކަމުގެ ދަށަށް އައީ ކިހިނެތްކަން ނާޒިމް އާއްމުންނަށް ސާފުކޮށްދެއްވަން ޖެހޭ ކަމަށެވެ.
މި ތަނަކީ ނާޒިމްގެ އާއިލީ މަސްލަހަތު އޮންނަ މީހަކަށް ދީފައި އޮތް ތަނެއް ކަމަށް ވާއިރު އެ ތަން ނާޒިމްގެ ބެލެނިވެރިކަމުގެ ދަށަށް އައީ އުސޫލާއި ޚިލާފަށް ކަމަށް ދޭހަވާ މޭރުމަކުން ރައީސް ޔާމީން ވަނީ ވާހަކަދައްކަވާފައެވެ.