

ލާމަރުކަޒީ ގާނޫނު ވުޖޫދުވުމާއެކު އުފެދުނު އައްޑޫ ސިޓީ ކައުންސިލް ބައިބައިކޮށް ތިން ރަށެއްގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓަށް ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓުދޭނަމަ، ރިޝްވަތުގެ ގޮތުގައި ވަޒީފާ ލިބޭނެ ކަމަށް ބުނެފިއެވެ.
މި ސަރުކާރުގެ ނުފޫޒުގަދަ އެއް ވަޒީރު، އަލީ އިހުސާންގެ ބައްޕަ، އަދި ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ (އައިބީ) މިފަދައިން ހާމަކޮށްފައިވަނީ އައްޑޫ ރައްޔިތުންގެ މެދުގައި ނަގާ ރިފަރަންޑަމް ވޯޓާ ގުޅިގެން ދަރިކަލުން އިސްވެ ހުންނަވާ ހިންގަމުންދާ ކެމްޕެއިންގައި ރޭ ފޭދީ ރައްޔިތުންނާ ބައްދަލުކޮށެވެ.
އެގޮތުން މި ފަހަކަށް އައިސް މަޖިލީހުގައިވެސް ކެކި އުތުރި އަރާ އެއް މެމްބަރުކަމުގައިވާ އައިބީ ވަނީ، ރަށުން ވަޒީފާއެއް ދޭއިރު މި ވަގުތު ވަކިވަކި މީހުންނަށް ވަޒީފާ ނުދީ އެ މީހުންނަށް އިންތިހާބަށް ފަހު ވަޒީފާތައް ދިނުމަށް މުއިއްޒު ޑރ މުހައްމަދު މުއިއްޒު އަންގާފައިވާ ކަމަށް ބުނެފައެވެ.
ރައީސް މުއިއްޒު އަންގަވާފައިވަނީ، މި ވަގުތު ވަޒީފާ ދޭން ވާނީ ޓީމެއް އޮންނަ އަދި އެ މީހަކު ބުނާ ގޮތަކަށް ކަންތައްތައް ކުރާ ވަރުގަދަ މީހުންނަށް އެކަނި ކަމަށްވެސް އައިބީ ވަނީ ބުނެފައެވެ.
މި ވަގުތު ނުފޫޒު ނުފޯރުވޭވަރުގެ މީހުންނަށް ރަށުން ވަޒީފާ ދިނުމުން އެ މީހަކަށް އިތުރު ވޯޓެއް ވެސް ނުހޯދި، ބޭކާރު ވަޒީފާއަކަށް ވެގެންދާނެ ކަމަށް ވެސް އައިބީ ބުނެފައިވެއެވެ.
އައިބީ މިފަދައިން ބުނެފައިާއިރު، އޭނާގެ ދަރިކަލުން ހޯމް މިނިސްޓަރު، އަލީ އިހުސާން ވެސް އަންނަނީ އާންމު ވޯޓާ ގުޅިގެން ފޭދޫގެ އެކި ރައްޔިތުންނާ ބައްދަލުކުރައްވައި މި މަހު 25 ގައި އެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން ބާއްވާ ވޯޓަށް ދަނީ ކެމްޕެއިން ކުރައްވަމުންނެވެ. ނަމަވެސް ސަރުކާރުން ބުނެފައިވާ ގޮތުގައި އެ ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތެވެ.
އައްޑޫ ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ އައްޑޫ ބައިބައި ކޮށްލުމަށް ސަރުކާރުން ރާވާފައިވާ ބޮޑު ސިއްރު އެޖެންޑާއެކެވެ.