March 17, 2026
Advertisement
-
- / ރައީސް އޮފިސް

އެއާޕޯޓު އަޅާނެހާ ހަކަތަ މިހާރަކު ދައުލަތުގައި ނެތް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Oct 19, 2025, 08:48 PM
މާލެ ސިޓީ

އަތޮޅު ތެރޭގައި ގިނަ އެއާޕޯޓުތައް އެޅުން ގޯސް ނޫން ކަމަށާ ނަމަވެސް މިވަގުތަކީ އެފަދަ މަޗްރޫއުތަކަށް ދައުލަތުގައި ހަކަތަ ހުރި ވަގުތެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި އާންމު ރައްޔިތަކު، މިހާރު ސަރުކާރުން ކޮންމެ 30 މިނިޓަކުން ދެވޭ ރާސްތާތަކަށް އަމާޒުކޮށް އެއާޕޯޓުއެޅުމަށް ގެންގުޅޭ ސިޔާސަތާ މެދު ރައީސް ޔާމީން ދެކެވަޑައިގަންވަނީ ކިހިނަކުންތޯ ސުވާލު ކުރުމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، އެ ސިޔާސަތު ގޯސް ނޫން ކަމަށާ އެހެނީ އަތޮޅުތައް ބިނާވެފައިވާ އޮންނަ ގޮތުން އިރުމަތީ ބިތާ ހުޅަނގު ބިތުގައިވެސް ރަށްރަށް ހުރުމުން ކަނޑުގެ އޮޔާ ވަޔާއެކު ގިނަ ފަހަރު ކަނޑުދަތުރު ފަތުރު ކުރުން އުނދަގޫވެފައި އޮންނަ ކަމަށެވެ.

ހަމައެހެންމެ މިއީ 21 ވަނަ ގަރުނު ކަމަށާ އެހެންކަމުން އިހު ޒަމާނުގައި ރިޔާ ދޯނީގައި އަތޮޅުތަކުގެ ރައްޔިތުން ދަތުރުކުރި ފަދައިން އެ ރައްޔިތުން ދަތުރުކުރަން ނުޖެހޭ ކަމަށާ ތަކުލީފުތަކުން ލުއި އެ ރައްޔިތުންނަށްވެސް ލިބެން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ދައުލަތުން ކުރާ ބޭކާރު ޚަރަދުތަކަށް ބަލާއިރު އެކަން ވެސް ކުރަންވީ ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ނަމަވެސް މިއީ އެ މަޝްރޫއުތަކަށް އެންމެ މުނާސަބާ ވަގުތު ނޫން ކަމަށެވެ. ސަބަބެއްކަމުގައި އެމަނިކުފާނު ވިދާޅުވީ، ގައުމުގެ އިގްތިސޯދު އޮތް ހާލަތާ ގައުމުގެ ބަޖެޓާ ދަރަނީގެ ހާލަތެވެ.

ދައުލަތުން މިހާރު މިކުރާހާ ބޭކާރު ހަރަދުތަކަށް ބަލާއިރު، އޭގެ ބަދަލުގައި ހަމަ އެއާޕޯޓު އެޅުން ގޯހެއް ނޫން. ނަމަވެސް އެއާޕޯޓު އަޅާނެހާ ހަކަތަ މިހާރަކު ދައުލަތުގައި ނެތް.

ރައީސް ޔާމީން

އެމަނިކުފާނު ވިދާޅުވީ ޕޯޓުތަކުން ތަކެތި ގެއްލެނީ ސެކިއުރިޓީ ފެއިލްވެގެން ނޫން ކަމަށާ އެއީ ސަރުކާރުގެ ތެރެއިން ރޭވިގެން ހިނގާ ކަންކަން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved