މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި ވެސް ތިބީ ދައުލަތުގެ ބައިތުލްމާލުން ވައްކަން ކުރާ ބޮޑެތި ވަގުން ކަމަށް ގޮވާ މީހުން މިއަދު ގިނަ ވެއްޖެ އެވެ. މިކަމަށް ހެކިވެ ރާއްޖޭގެ އިސްލާހީ މަސައްކަތުގައި ހަރާކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ވެރިން ވެސް އަންނަނީ މިކަން ރައްޔިތުންނަށް ހަނދާންކޮށް ދެމުން ނެވެ.
ކުރީގެ ސަރުކާރުގެ ވައްކަމުގެ ވާހަކަ ފެނަކައިން ފެށި ދާނެ އެވެ. ނަމަވެސް ފެނަކަ ސައީދުގެ މޭސްތިރިކަމުގައި ކޮށްފައި ހުރި ބޮޑެތި ކޮރަޕްޝަންތަކުގެ ވާހަކަ ދެއްކުމަށް މި ސަރުކާރުގެ މަޖިލިސް މެމްބަރު ބާރަށު ޝުޖާއު ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް އެރުމަކުން އަދި ނުފުދެ އެވެ.
ރައީސް ސޯލިހުގެ ސަރުކާރުގައި ސައީދު ވައްކަން ނިންމާލެއްވި ހިސާބުން މުއިއްޒު ވެރިކަމުގައި ފުރަތަމަ ފެނަކަ އަށް ވެރިއަކަށް އައްޔަނުކުރެއްވި މުއާޒު ފެނަކަ ތެރެއިން ހިންގެވި ވައްކަމާއި ކޮރަޕްޝަންގެ ވާހަކަތައް ރަށުތެރޭގައި ގިނަބަޔަކު އެ އަންނަނީ ގޮވަމުން ނެވެ. މި އަޑު ގަދަވާން ފެށުމުން މުއާޒް އިސްތިއުފާ ދެއްވާ ފެނަކާ އާއި ދުރަށް ދިޔަ ނަމަވެސް ރައްޔިތުންގެ ދަރުބާރުގައި މި ސަރުކާރުގެ ވައްކަން އަންނަނީ ތިލަ ވަމުން ނެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުއާޒު މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވަމުން އާންމުކުރި ސިޓީގައި ރައީސް މުހައްމަދު މުއިއްޒަށާއި މި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް އޮތީ އަމާޒުކޮށްފަ އެވެ. މުއާޒު ބުނަމުން އެއަންނަނީ ދައްކަން ވެއްޖެ ނަމަ ލައްކަ ވާހަކަ ދައްކަން އެބަހުރި ކަމަށެވެ. އެހިސާބުން މުއާޒް ފެނަކަ ހިންގެވި ދުވަސްވަރު ހިންގި ކަމަށް ބުނާ "ވައްކަން" އޭސީސީގައި ޕާކް ވީ އެވެ. އެއީ މުއާޒު ލައްވާ ހެއްދެވި ގޯސް ފަޅާ އަރާފާނެ ތީ އެވެ.
މި ސަރުކާރު ވެރިކަމަށް އައީ ކުރީ ސަރުކާރުގެ ވައްކަންތައް ހާމަކުރާނެ ކަމަށް ވައުދުވަމުން ނަމަވެސް ފެނިގެންދަނީ ވައްކަން ކުރި ފަރާތްތަކަށް ހައްގު އަދަބު ނުދޭ މަންޒަރެވެ. ބޭނުމަކީ ސޯލިހު ފަދައިން ސަރުކާރު ހިންގެވުމެވެ. ދައުލަތުގެ ހަޒާނާއިން ވައްކަން ކުރުމެވެ. ފައިސާ ޗާޕުކޮށްގެން ދައުލަތުގެ ތިޖޫރީއަށް އަތްބޭނުމެވެ.
މި ސަރުކާރުގެ އުފެދުމުގައި ވެސް ވައްކަމާއި ކޮރަޕްޝަން ހިމެނޭކަން ހާމަވާ އެއް ދަލީލަކީ ސޯލިހު ސަރުކާރުގައި ފެނަކައިން 2.2 ބިލިއަންގެ ހިޔާނާތެއް ހިންގާ ދައުލަތުގެ އެންމެ ބޮޑު ހިޔާނާތުގެ ރެކޯޑު މުގުރާލާފައިވާއިރު، އެ ހިޔާނާތުގެ ފައިސާއިން ރައީސް ޑރ މުއިއްޒުގެ ކެމްޕެއިނަށް ހަރަދު ކުރިކަމަށް ވެސް ރަށުތެރޭ ގޮވަމުން އައުމެވެ. މިކަމުގައި ވެސް ދެރައީ ކުރެވޭ ތުހުމަތު ދޮގުވެސް ނުކުރާތީ އެވެ.
ވެރިކަން ކުރައްވަމުން ގެންދަވަނީ، ބައްޕާފުޅު ޝައިހް ހުސެއިން އަބްދުއްރަހްމާން ލިއުއްވާފައިވާ ފޮތުގައި ދެއްކެވި މަގު، އަދުލާއި އިންސާފާއި ހަމަހަމަކަމާ އެކު ރައްޔިތުން އިސްކުރައްވައި، ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ކަމަށް ރައީސް ޑރ. މުއިއްޒު ތަކުރާރުކޮށް އަންނަނީ ވިދާޅުވަމުން ނެވެ.
ގައުމުގެ ވެރިޔާއަކީ ވަކި މުއްދަތަކަށް ރައްޔިތުންގެ ކަންކަން ބަލަހައްޓަން ހަވާލުކުރާ ފަރާތެއް ކަމަށާއި ވެރިޔާގެ އަމަލާއި މުއާމަލާތްތަކުން އެކަން ފެންނަން ޖެހޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައި އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވި ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވާ ފަދައިން މިވެރިކަން ފެނިގެންދަނީ ރައްޔިތުންނަށް ވަރަށް އަނިޔާވެރި ވެރިކަމެއްގެ ގޮތުގައި އެވެ. މާޒް ސަލީމްގެ ބަހުރުވައިން ނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ކޮރަޕްޝަނަށް ހިތްވަރުދީ "ވަގުން"ގެ ފަޅީގައި އެވެ.
މާޒް ސަލީމްގެ މިވާހަކަ ތަކަށް ބާރު ލިބެނީ ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގެންފައިވާ ކަމަށް ގަބޫލުކުރެވޭ މިންގަނޑު ވަޒަންކޮށް، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން އެކުލަވައިލާ "ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް" (ސީޕީއައި) ގައި ރައީސް ޑރ، މުއިއްޒުގެ ސަރުކާރު ތިން ދަރަޖަ ދަށަށް ޖެހުމެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން 11 ފެބްރުއަރީ 2025 ނެރެފައިވާ ބަޔާނުގައި ބުނަނީ، މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީފީއައި)ގައި ރާއްޖެ އެއް ޕޮއިންޓު ދަށަށް ވެއްޓިފައިވާ ކަމަށެވެ. އެއީ، 39 ޕޮއިންޓުން 38 ޕޮއިންޓަށެވެ. މި އަހަރު ވެސް ރާއްޖެ ހިމެނެނީ 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓު ލިބިފައިވާ ގައުމުތަކުގެ ތެރޭގައެވެ.
މިދިޔަ އަހަރުގެ ސީޕީއައިގައި ރާއްޖޭގެ ސްކޯ 38 އަކަށް އެރުމުން ރާއްޖެ މިހާރު ރޭންކު ކުރެވިފައިވަނީ އިންޑެކްސްގައި ހިމެނޭ 180 ގައުމުގެ ތެރެއިން 96ވަނައަށް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ. އޭގެ ކުރީ 2023 ވަނަ އަހަރު ރާއްޖެ އޮތީ 93 ވަނައިގަ އެވެ.
ދައުލަތް ހިންގުމުގައި ކޮރަޕްޝަން އެކުލެވިފައިވާ ކަމަށް ގަބޫލުކުރޭ މިންވަރު ދައްކުވައިދޭ އިންޑެކްސް ގައި ރާއްޖެ ތިން ދަރަޖަ ދަށަށް ޖެހުނުއިރު މިފަހުން މުއިއްޒުގެ ސަރުކާރުން ވައްކަމާއި ކޮރަޕްޝަނުގެ ތުހުމަތު ކުރެވި އެމީހުންގެ މައްސަލަތައް އޭސީސީ އަދި ދިވެހި ފުލުންގެ ހިދުމަތުން ބަލަމުން އަންނަ ބައެއް މީހުން ހުދު ގަމީސް ލައްވާ ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތް ޖަލްސާއަކުން ފެނުމުން ގިނަ ބައެއްގެ ފާނޑުކިޔުން ވެސް ރައީސް މުއިއްޒު އަށް އަމާޒުވި އެވެ.
މުއިއްޒުގެ ސަރުކާރުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގާފައިވާ ގިނަ ފަރާތްތަކަކީ އެފަރާތްތަކުގެ މައްޗަށް މަނީ ލޯންޑްރިންއާ ގުޅޭ ދައުވާ ވެސް ކުރެވިދާނެ ފަރާތްތައް ކަމަށް ގާނޫނީ ބޭފުޅުން އަންނަނީ ވިދާޅުވަމުން ނެވެ. އެހެންނަމަވެސް މިހާލަތުގައިވެސް މި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް ތަހުގީގު މުއައްސަސާއަކަށް ހާޒިރުވެސް ކޮށްފައެއް ނުވެ އެވެ. އަދި މީގެ ގިނަ މައްސަލަތަކުގައި ރައީސް މުއިއްޒުގެ ސިޔާސީ ރަހުމަތްތެރިންގެ ބައިވެރިވުން ބޮޑުކަން ފާހަގަވާއިރުވެސް ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެނަރަލް (ޕީޖީ) އައްބާސް ޝަރީފު ވެސް މި މައްސަލަތައް ތަހުގީގުކުރުމަށް އެއްވެސް މަސައްކަތެއް ކުރައްވަމުން ނުގެންދަވަ އެވެ.
ވާނީ ވެސް ދެން އެހެންތާ އެވެ. އައްބާސް އަށް ވެސް ވަކިން ކުރެވޭނެ ކަމެއް ނެތެވެ. ރައީސް މުއިއްޒު ވިދާޅުވި ކަމެއް ވިދާޅުވި ގޮތަކަށް ކުރުން ނޫން އިތުރު ޗޮއިސްއެއް އައްބާސް އަށް ވެސް މިއަދަކު ނެތެވެ.
އެއީ އެމްއެމްޕީއާރުސީގެ މައި ވަގު ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފޯނު ފައިލްސްއިން މިފަހުން ހާމަވެފައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން "ހަދިޔާ" އާ "ޓޮޕް" ފަދަ ދީލަތި އެހީ ލިބިފައިވާ މީހުންގެ ތެރޭގައި އަދުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުންނާ ޕީއެންސީގެ މަޖިލިސް މެމްބަރުން ވެސް ހިމެނެ އެވެ. ލީކްވި ލިސްޓުގެ ވަރަށް ކުރީ ސަފުން ޕީޖީ އައްބާސް ވެސް ވަނީ ޖާގަ ހޯއްދަވާފަ އެވެ.
މިކަންކަން ބެލޭނެ ދުވަހެއް އަދި ﷲ ދައްކަވާނެ އެވެ. ރައްޔިތުންނަށް މިއަދު އޮތީ މި ސަރުކާރުން ވެރިކަމަށް އައިސް މިވާ ދެ އަހަރުގެ ތެރޭގައި ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެންނަން އޮތް ވައްކަންތަކުން މިންޖުވުމަށް ދުޢާ ކުރުމެވެ.
މި ސަރުކާރުން "ހަޒާނާ ކައި ހުސްކޮށްފި" ކަމަށް ސިޔާސީ ޕާޓީތަކުން ކުރާ ތުހުމަތާއި އަދި އެކަމާއި ދެކޮޅަށް އަޑު އުފުލުމަށް ބޭއްވޭ މުޒާހަރާ ތަކުގައި ބައިވެރިވެ ވަގުން ހިފަން ނިކުމެ ސަރުކާރަށް ބޮޑު ތަނުން ނޫނެކޭ ބުނުމެވެ