ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރަން ކެންޑިޑެންސީ ހުށަހެޅި އައިޝަތު އަފްނާނު އަލީގެ ކެންޑިޑޭންސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަގަޅަށް ނޫންކަމަށް ކޯޓުން ހުކުމްކޮށްފިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވ. ކެޔޮދޫ ދާއިރާއަށް ރައީސް ޔާމީންގެ ތާއީދާއެކު ވާދަކުރަން ނިންމާ އަފްނާނު ފޯމު ހުށަހެޅީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.
އީސީއިން ވަނީ އަފްނާންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމީ، އޭނާގެ ކެންޑިޑެސީ ފޯމާއެކު ހުށަހަޅަންޖެހޭ ބައެއް ލިޔުންތައް މަދުވާތީ އެވެ. އެގޮތުން، ރަސްމީ އެޖެންޓުގެ ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ހިމަނާފައި ނުވާ ކަމަށް އީސީ އިން ބުނެއެވެ.
މިކަމާ ގުޅިގެން އަފްނާނުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމު ކޯޓަށް ވެއްދި ދުސްތޫރީ މައްސަލަގައި ބުނެފައިވަނީ އޭނާގެ ރަސްމީ އެޖެންޓު ފެމެލީ ކޯޓަށް ފައިސާ ދައްކަން ޖެހިފައި އޮތްކަން އެނގިގެން އެފައިސާ، އިންތިހާބުގައި ވާދަކުރުމުގެ ކުރިން ހުށަހަޅާފައިވާ ކަމަށެވެ. ކޯޓުން ދޫކޮށްފައިވާ ރަސީދު ވެސް އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.
ސުޕްރީމު ކޯޓުން މިކަމާ ގުޅިގެން ބޭއްވި އަޑު އެހުމަށްފަހު ކުރި ހުކުމުގައި ބުނެފައި ވަނީ، އަފްނާންގެ ރަސްމީ އެޖެންޓުގެ ދަރަންޏެއް ނެތް ކަމަށް ބުނާ ފެމިލީ ކޯޓުގެ ތަތްގަނޑާއެކު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެޓޭޗްމަންޓެއް ހިމަނާފައިވާ ކަމަށާއި، އެއީ އިންތިހާބީ އެޖެންޓް ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ދަރަންޏެއް އަދާކުރަމުންދާ ލިޔުމެއްކަން ނުވަތަ ނޫންކަން އީސީއިން ކަށަވަރު ކުރަންވާނެ ކަމަށެވެ. އެކަން ކަށަވަރު ކުރިނަމަ އަފްނާނަށް ފޯމާއެކު ލިޔެކިޔުންތައް ހަމަކުރާނެ އިތުރު ފުރުސަތެއް ދެވުނީސް ކަމަށެވެ.
އެހެންކަމުން، އީސީގެ ނިންމުން ގޯސް ކަމަށް ނިންމާ، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަފްނާނަށް ދޭން ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ހުކުމާ އެއްގޮތަށް އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ އަފްނާނަށް ފުރުސަތު ދީ ކެޔޮދޫ ދާއިރާގެ ކެންޑިޑޭޓުންގެ ނަންތައް އަލުން ތަރުތީބުކޮށް ގެޒެޓް ކޮށްފަައެވެ.