ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަމުން ކ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން ރިޒާ އާދަމް ކުއްލި ގޮތަކަށް މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވައިފިއެވެ.
ޖޭއެސްސީގެ މެމްބަރެއްގެ މަގާމުގައި ހުންނެވި ރިޒާ އަކީ އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައިވެސް ހުންނެވި ބޭފުޅާއެވެ. ރިޒާ މެމްބަރުކަމުން އިސްތިއުފާ ދެއްވުމުން ޖޭއެސްސީގެ ރައީސްކަމުގެ ގޮނޑިވެސް ވަނީ ހުސްވެފައިއެވެ.
ރިޒާ މެމްބަރުކަމުން އިސްތިއުފާދެއްވުމާ ގުޅިގެން މިރޭ ބާއްވަން ހަމަޖެހިފައިވާ ކްރިމިނަލް ކޯޓަށް އަލަށް ނެގި ދެ ފަނޑިޔާރުން ހުވާކުރުމަށް ހަމަޖެހިފައި އޮތް ރަސްމިއްޔާތުވެސް ވަނީ ފަސްކުރެވިފައިއެވެ.
ނަމަވެސް ރިޒާ އިސްތިއުފާދިނުމާ ގުޅިގެން އެ ކޮމިޝަނުން އަދި މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައިއެއް ނުވެއެވެ.