އައްޑޫގައި ފެންނަ ނުފެންނަ ވޯޓެއް ނެގީ ރައްޔިތުން އެކަމަށް ނުހަނު އެދިގެން ކަމަށް ސަރުކާރުން ބުންޏެވެ. އަދި އެކަމުގައި ރައްޔިތުން ބޭނުންވަނީ ވަކި ވަކި ކައުންސިލްތަކެއް ހަދާ ރަށު ބާރު ރަށަށް ނަގަން ކަމަށާ އެއީ ސަރުކާރުގެ އެއްވެސް ޝައުގުވެރިކަމެއް ހުރެގެން ނަގާ ވޯޓެއް ނޫން ކަމަށްވެސް ސަރުކާރުން ހާމަކޮށްފައިވެއެވެ.
ނަމަވެސް ސަރުކާރުގެ އެ ވާހަކަތަކާ މެދު ޝައްކު އުފެއްދުމުގެ ޖާގަ ދިނީ މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ކަމަށް ގިނަ ބަޔަކު ބުނާ ހޯމް މިނިސްޓަރ އަލީ އިހުސާން އާ އޭނާގެ ބައްޕާފުޅު ފޭދޫ ދެކެނު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމު ދީދީ (އައިބީ) އާ ދެބަފައިން ނޭވާ ހޮޅިއަށް އެޅިފައި ތިބި ބައެއްހެން މުޅި ރަށު ތެރޭގައި ވޯޓުގެ އެތައް ދުވަހެއް ކުރިން އެނބުރެން ފެށުމުންނެވެ.
އައްޑޫއަށް ދަތުރުކޮށް ދެބަފައިން ކެމްޕެއިން ކުރީ ތިޔަހެން ބުނެފައިނޫނެވެ. މޮޔަ ހަސަނަށް އަމާ ފެނުނަސް އެހެން ނޫޅޭނެ ތޯއްޗެކެވެ. ކޮންމެ އަކަސް ސަރުކާރުގައި ވަކި ސްޓޭންޑެއް އެ ވޯޓުގައި ނެތް ކަމަށް ބުނި ނަމަވެސް އިރުއަރާ އޮއްސުނު ކޮންމެ ދުވަހަކު ފެނިގެން ދިޔައީ އެހެން ރަށް ރަށުގެ އެމްޕީއިންވެސް ބޭނުންކޮށްގެން ވަކި ގޮތަކަށް އެ އިންތިޚާބުގައި ވޯޓު ދޭން ރައްޔިތުންނަށް ވިސްނައިދެމުން ދިޔަ މަންޒަރެވެ.
ވަކި ވަކި ކައުންސިލްތަކެއް އޮތުމުގެ ފައިދާއެއް އެކަމަކު ބުނެނުދެވުނެވެ. ކަންކަން މި މަގުންތަރުތީބުވެގެން ހިނގަމުން އައިސް ވޯޓު ނަގާ ދުވަސް ޖެހުނެވެ. ރައްޔިތުންގެ ބަސް އިއްވިއެވެ. ނަމަވެސް މެޖޯރިޓީއެއް ނޫނެވެ. އެހެން ބުނަން ޖެހެނީ ހުޅުދޫ އަދި މީދޫގައި ވޯޓުލީ އާބާދީގެ ނިސްބަތަށް ނަޒަރު ހިންގާލާއެވެ.
ކޮންމެއަކަސް ވޯޓުގެ ނަތީޖާ އައިއިރު އެންމެ ހައިރާންވީ ކަމަކީ ދެފައި އެއްތާކު ނުޖަހާ ކެމްޕެއިން ކުރި ދެ ބަފައިންގެ ރަށުން ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށް ބުނަމުން ދަނިކޮށް ދެ ބަފައިން ކުރި ކެމްޕެއިނާ ދެކޮޅަށް ނަތީޖާ ނުކުތުމެވެ. ބޮޑު އިން ސައްތައަކުންނެވެ. ލަދު ގަންނަ ވަަރަށެވެ. އަޅުގަޑު ނަމަވެސް އިސް އުފުލާލަން ނުކުރޭނެއެވެ. ފޭދޫ ރައްޔިތުން ސަރުކާރަށް ނޯ ޖެހީ ބޮޑު ތަނުންނެވެ. ސިޓީއިން ވަކި ނުވާން ފޭދޫ ރައްޔިތުން ނިންމީ ކުރިއަށް އޮތް މުސްތަގުބަލަށް ވިސްނާފައެވެ.
ވޯޓާ ދިމާކޮށް ސަރުކާރުގެ ވަޒީފާތައް ނުފޫޒުގަދަ އާއިލާތަކަށް ބެހުމަށް މުއިއްޒު އަންގާ އެ އެންގުމަށް ތަބާވެ ކަންކަން ތަރުތީބުވަމުންދިޔއަިރުވެސް ފޭދޫ ރައްޔިތުން ސާބިތުކޮށްދިނީ ފައިސާ އާ ވަޒިފާއިން ރައްޔިތުން ގަނެ ނުލެވޭނެ ކަމެވެ.
ވަކި ސްޓޭންޑެއް ނެތް ކަމަށް ބުނި ނަމަވެސް ސަރުކާރުގެ ބާރާއި ނުފޫޒުން މި އިންތިހާބަށް ފޯރުވިކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، މި އިންތިހާބުން ސަރުކާރުވީ ބަރަހާނާއެވެ. ދައުރުގެ މެދަކާ ހަމައަށް ނުދެވެނީސް ނެގި ފެންނަ ނުފފެންނަ ވޯޓަކުން މިއޮތީ ސަރުކާރަށް "ނޯ" ޖަހާފައެވެ. މިއީ އެންމެ ރަށަކުންނެވެ އަދި މިފަދަ ކިތައް ރަށް އޮންނާނެތޯއެވެ.
ވޯޓު ނެގި ގަޑީގައިވެސް ވޯޓުލާ މަރުކަޒުތަކުގެ ބުޑުގައި ބަނޑަހަ ޖަހައިގެން ދެބަފައިން ތިބެ ސަރުކާރުގެ ސްޓޭންޑެއް ނެތް ނަމަވެސް ފޮރުވިފައި އޮތް ސްޓޭންޑަށް ރައްޔިތުން ނޯ ޖެހުމުން ހަގީގަތުގައި ވެސް މިއި ސަރުކާރުގެ ފެއިލިޔަރ އެކެވެ. ދެން ވެސް ނުފޯރާ ފޮތިން ފޫގަޅަން ނުހަދައްޗެވެ. އިތުރަށް ބަރަހާނާވެ ފެންނަން އެއްޗެހި ގިނަވެދާނެއެވެ.